ދުނިޔެ

ހަތިޔާރު ބަހައްޓައި އަމާން ދިނުމުގެ ވިސްނުމެއް ނެތް: ހިޒްބުﷲ

ޖުލައި 20, 2025 - 08:30
 0
ހަތިޔާރު ބަހައްޓައި އަމާން ދިނުމުގެ ވިސްނުމެއް ނެތް: ހިޒްބުﷲ
ފޮޓޯ: ފްރާންސް 24

ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުﷲ އިން އިސްރާއީލަށް އަމާންދީ ހަތިޔާރު ބެހެއްޓުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ޖަމާޢަތުގެ އިސްވެރިޔާ ނަޢީމް ޤާސިމް މިއަދު ވިދާޅުވެއްޖެއެވެ.

ވީޑިއޯ މެސެޖެއްގައި ނަޢީމް ޤާސިމް ވިދާޅުވި ގޮތުގައި "އިސްރާއީލަށް އަމާންދީ، ހަތިޔާރެއް ނުބަހައްޓާނަން. އިސްރާއީލުން އަހަރެމެންގެ ހަތިޔާރުތައް އަތުލުމުގެ ފުރުޞަތެއް ނުދޭނަން" އެވެ. އަދި ޔަހޫދީންގެ ނިރުބަވެރި ފައުޖުތައް ހުއްޓުވާނެ ބަޔަކު ނެތްނަމަ، މުޅި ލުބުނާނު ޔަހޫދީންގެ އަތްދަށަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާއްޞަ މަންދޫބު ޓޮމް ބަރަކް ވަނީ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުފުޅުގައި، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲ އިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓައިލާނެކަމުގެ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، 2000 ވަނަ އަހަރު ޔަހޫދީންގެ އަތްދަށުން ލުބުނާނުގެ ދެކުނު މިނިވަންކުރުމުގައި ޙިޒްބުﷲ އިން އިސް ދައުރެއް އަދާކުރި ނަމަވެސް، އެ ޖަމާޢަތުގެ ހަތިޔާރުތައް ލުބުނާނުގެ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާ މެދުވެރިވެގެން ވެވުނު އެއްބަސްވުމެއްގެ ދަށުން ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުﷲ ގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވާއިރު، މިވަގުތު ދެކުނު ލުބުނާނުގެ ފަސް ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0