ހަމާސްގެ އަސްކަރީ ކޮމާންޑަރު އަވަހާރަކޮށްލައިފި
އިޒްރޭލުން ހުކުރު ދުވަހު ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ވެރިޔާ އިއްޒުއްދީން އަލް ހައްދާދު އަވަހާރަކޮށްލައިފިއެވެ.
އިއްޔެ އިޒްރޭލުން މިކަން އިއުލާނުކުރި ފަހުން ހަމާސް އިން ވެސް ވަނީ އެކަން މިހާރު ކަށަވަރުކޮށްދީފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހުކުރު ދުވަހު ޣައްޒާގައި ހައްދާދަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާއެއް ދިނުމަށްފަހު، އޭނާގެ މަރު ކަށަވަރުވީ މިއަދު އެވެ. ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "އިސް ކޮމާންޑަރު އިއްޒުއްދީން އަލް ހައްދާދު އަވަހާރަކޮށްލާފައިވަނީ އިއްޔެ ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށާއި އާންމުންގެ އުޅަނދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި"ކަމަށެވެ. މި ހަމަލާގައި ހައްދާދުގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅު ވެސް ވަނީ އަވަހާރަވެފައެވެ.
އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި ހައްދާދަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު މޭސްތިރިއެކެވެ. އަދި އޭނާއަކީ އެ ހަމަލާގެ ރޭވުންތަކުގައި ބައިވެރިވި ހަމާސްގެ އަސްކަރީ ލީޑަރުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ތިބި އިސް ކޮމާންޑަރުންގެ ތެރެއިން އެކަކު ކަމަށްވެސް އިޒްރޭލުން ބުނެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ ރަހީނުން ފޮރުވައިގެން ގެންގުޅުމުގެ ކަންކަން ބެލެހެއްޓީ ވެސް އޭނާ ކަމަށް އިޒްރޭލުން ތުހުމަތުކުރެއެވެ.
އޭއެފްޕީގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަލާކުވެފައިވާ އިމާރާތެއްގެ ގާކުނޑިތަކުގެ ތެރެއިން ހައްދާދުގެ ހަށިގަނޑު ނަގައިގެން ގެންދިޔައީ ހަމާސްގެ ދިދަ އޮޅާފައިވާ ސަންދޯކަކަށް ލައިގެންނެވެ. އޭގެ ފަހުން ހަށިގަނޑު މިސްކިތަކަށް ގެންގޮސް ވަނީ ޖަނާޒާ ބާއްވައިފައެވެ. އޮކްޓޯބަރު 7 ގެ ހަމަލާތަކަށް ފަހު އިޒްރޭލު ސިފައިންނާއި ޖާސޫސީ އިދާރާތަކުން ދަނީ ޣައްޒާގައި ތިބި ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.
އޮކްޓޯބަރު 7 ގެ ހަމަލާގައި ހަމާސް އިން އިޒްރޭލުގެ 1,221 މީހުން މަރާލައި 251 މީހުން ރަހީނުންގެ ގޮތުގައި ގެންގޮސްފައިވާއިރު، ރައްދުގައި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 72,700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވި ނަމަވެސް އިޒްރޭލުގެ ހަމަލާތައް ކުރިއަށްދާތީ ޣައްޒާގައި ކޮންމެ ދުވަހަކުވެސް ހަމަނުޖެހުން ހިނގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.






ރިއެކްޓް