އޮސްޓްރޭލިއާގައި 13 ފޫޓުގެ މިޔަރެއް ހަމަލާދީ މީހަކު މަރާލައިފި
އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރިފަށުގައި 13 ފޫޓު (4 މީޓަރު) ބޮޑު މިޔަރެއް ހަމަލާދީ އުމުރުން 38 އަހަރުގެ ފިރިހެނަކު މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ހާއިރު، ޕާތު ސިޓީއާ ކައިރީގައި އޮންނަ މަޝްހޫރު ރޮޓްނެސްޓް އައިލެންޑްގެ ހުޅަނގު އުތުރުގައި އޮންނަ ހޯސްޝޫ ރީފް ސަރަހައްދުގައެވެ.
އޭބީސީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި މީހާ ކަނޑުމަތިން ނަގައިގެން ލޯންޗެއްގައި އެއްގަމަށް ގެނައި މަންޒަރު އޭރިއަލް ފޫޓޭޖްތަކުން ފެނެއެވެ. ޖޯޑީ ބޭ ޖެޓީއަށް އެމީހާ ގެނައުމާއެކު ފުލުހުންނާއި ޕެރާމެޑިކުން ވަނީ އޭނާއަށް ސީޕީއާރު ދީގެން ފަރުވާ ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ "ދެރަގޮތަކަށް އެމީހާ ސަލާމަތް ކުރެވޭ ގޮތެއް ނުވި" ކަމަށެވެ.
ޕާތުގެ ޑިޕާޓްމަންޓް އޮފް ޕްރައިމަރީ އިންޑަސްޓްރީޒް އެންޑް ރީޖަނަލް ޑިވެލޮޕްމަންޓުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، އެމީހާއަށް ހަމަލާދީފައިވަނީ ބޮޑު ހުދު މިޔަރެއް (ގްރޭޓް ވައިޓް ޝާކް) ކަމަށް ރިޕޯޓްތައް ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މޫދަށް އެރޭ މީހުން އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުން ވެސްޓަން އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދީ މީހަކު މަރުވި ފުރަތަމަ ހާދިސާއެވެ. 1791 ވަނަ އަހަރުން ފެށިގެން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން އޮސްޓްރޭލިއާގައި 1,300 އެއްހާ މިޔަރުގެ ހަމަލާ ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 260 އަށްވުރެ ގިނަ ހަމަލާގައި މީހުން މަރުވެފައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުވެސް ނިއު ސައުތު ވޭލްސްގެ އައްސޭރިފަށުގައި ދެ ދުވަސް ތެރޭގައި ހަތަރު މިޔަރުގެ ހަމަލާ ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ސިޑްނީ ހާބަރަށް ފުންމާލި އުމުރުން 12 އަހަރުގެ ނިކޯ އެންޓިކްއަށް މިޔަރެއް ހަމަލާދީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި ހާދިސާ ހިމެނެއެވެ. އެ ހާދިސާއާ ގުޅިގެން އޭނާގެ މައިންބަފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމުގެ ސަބަބުން "ހިތް ކުދިކުދިވެއްޖެ" ކަމަށެވެ.






ރިއެކްޓް