ޕޫނޭގައި ލިފްޓެއްގެ ތެރޭ ތާށިވި ހަތް އަހަރުގެ ކުއްޖަކު މަރުވެއްޖެ
އިންޑިއާގެ ޕޫނޭގެ ސިންހަގަދު ރޯޑް ސަރަހައްދުގައި ހުންނަ ރެސިޑެންޝަލް އިމާރާތެއްގެ ލިފްޓެއްގެ ތެރޭގައި ތާށިވެ، ހަތް އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޝިވަންޝް ޝައިލޭޝް ދޫތު ނަމަކަށް ކިޔާ ކުއްޖެކެވެ. މި ހާދިސާ ހިނގާފައިވަނީ ނިމްބަޖީނަގަރުގައި ހުންނަ ރިއްދީ ސިއްދީ އެޕާޓްމަންޓުގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޝިވަންޝް އާދައިގެ މަތިން ރޭގަނޑު 10 ޖަހާކަންހާއިރު އެ އިމާރާތުގެ ގޯތިތެރޭގައި ކުޅެން އުޅުނެވެ. އެ ވަގުތުގެ ތެރޭގައި އޭނާ އިމާރާތުގެ ލިފްޓަށް އަރައި ފިތަކަށް ފިތާލި ކަމަށް ބެލެވެއެވެ. ލިފްޓް ދަތުރުކުރަން ފެށި ނަމަވެސް، ދެވަނަ ފަންގިފިލާއަށް ނުދެވި ދެމެދުގައި ލިފްޓް ހުއްޓި ކުއްޖާ އޭގެ ތެރޭގައި ތާށިވީއެވެ.
ޝިވަންޝް ގެއަށް ނައިސް ގިނައިރުވުމުން، އޭނާގެ އާއިލާގެ މެންބަރުންނާއި އިމާރާތުގެ އެހެން މީހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ހޯދަމުން ދިޔަ ދިޔުމުގައި، ލިފްޓް ހުއްޓިފައި ހުރުމުން ކުއްޖާ އޭގެ ތެރޭގައި ތާށިވެފައި ހުރެދާނެ ކަމަށް ބަޔަކަށް ޝައްކު ކުރެވުނެވެ. މިކަމުގެ މައުލޫމާތު ފުލުހުންނާއި ފަޔަރު ޑިޕާޓްމަންޓަށް ދީފައިވަނީ ރޭގަނޑު 11:30 ހާއިރުއެވެ.
ފަޔަރު ބްރިގޭޑާއި ސިންހަގަދު ރޯޑް ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން ލިފްޓް ހުޅުވުނު އިރު، ކުއްޖާ އޮތީ ހަބަރު ހުސްވެފައެވެ. ފުލުހުން ލަފާކުރާ ގޮތުގައި ކުއްޖާ މަރުވީ ބަންދުވެފައިވާ ހަނި ތަނެއްގެ ތެރޭގައި ގިނައިރު ތާށިވެފައި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މަރުވި ސީދާ ސަބަބު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ފުލުހުންގެ ފުރަތަމަ ތަހުގީގުން ދައްކާ ގޮތުގައި ލިފްޓުގައި ވަގުތުން ފާހަގަވާ ފަދަ ޓެކްނިކަލް މައްސަލައެއް ނެތެވެ. އަދި ލިފްޓް ބެލެހެއްޓުމުގެ ޒިންމާއަކީ އެ އިމާރާތުގެ މެނޭޖްމަންޓުގެ ޒިންމާއެކެވެ. ސިންހަގަދު ރޯޑް ފުލުހުން މިހާރު ވަނީ މި ހާދިސާ 'އެކްސިޑެންޓަލް ޑެތު' ރިޕޯޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ.






ރިއެކްޓް