އިލޯން މަސްކް: ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރު
ދުނިޔޭގެ މަޝްހޫރު މަހުޖަނު އަދި ވިޔަފާރިވެރިޔާ އިލޯން މަސްކް، ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރެއްގެ މަގާމު ހޯއްދަވައިފިއެވެ. މަސްކް މި ޝަރަފުވެރި މަގާމު ހޯއްދެވީ އޭނާގެ ފަޒާގެ ދިރާސާތައް ކުރާ ކުންފުނި، ސްޕޭސްއެކްސްގެ ހިއްސާގެ އަގު ތާރީޚީ މިންވަރަކަށް އުފުލުމާ ގުޅިގެންނެވެ.
ސްޕޭސްއެކްސް އިން ކުރިއަށް ގެންދިޔަ ތާރީޚީ އައިޕީއޯ (Initial Public Offering) ގެ ޓްރޭޑިން ޑެބިއުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 30 އިންސައްތައާ ހަމައަށް އުފުލިފައެވެ. މިއާއެކު މަސްކްގެ މިލްކިއްޔާތު އެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، އޭނާ ވެފައިވަނީ ދުނިޔޭގައި މިފަދަ ބޮޑު މިލްކިއްޔާތެއް ހުރި ފުރަތަމަ މީހާއަށެވެ. މި އައިޕީއޯ މެދުވެރިކޮށް 75 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައިވާއިރު، މިއީ ކުރިއަށް އޮތް ތަނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކަށް ހިއްސާގެ ބާޒާރަށް ނުކުތުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް މާހިރުން ދެކެއެވެ.
ޓެކްސަސްގެ ސްޓާބޭސްގައި ބޭއްވި ލޯންޗް އިވެންޓެއްގައި ވާހަކަދައްކަވަމުން އިލޯން މަސްކް ވިދާޅުވީ، "ސްޕޭސްއެކްސް ބޭނުންވަނީ ހަނދަށް އިންސާނުން ގެންދެވޭނެ ގޮތް ހެދުމާއި، މާސްއަށް ގެންދެވޭނެ ގޮތް ހެދުން. އަދި އެހިސާބަށް ވުރެ ވެސް ދުރަށް ގެންދެވޭނެ ގޮތް ހެދުން" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސްޕޭސްއެކްސްގައި އޮތް ގާބިލު ޓީމާއެކު މި އަމާޒުތަކަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމެރިކާގެ މާކެޓްސް ރެގިއުލޭޓަރަށް ހުށަހަޅާފައިވާ ރިޕޯޓުތަކަށް ބަލާއިރު، ސްޕޭސްއެކްސް އިން ވަނީ 555 މިލިއަނަށް ވުރެ ގިނަ ހިއްސާ، ހިއްސާއަކަށް 135 ޑޮލަރުގެ މަގުން ވިއްކާފައެވެ. މިއާއެކު އެ ކުންފުނީގެ ޖުމްލަ އަގު ވަނީ 1.8 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. ވޯލް ސްޓްރީޓްގައި ވިޔަފާރި ފެށި ފުރަތަމަ ގަޑިއިރުތަކުގެ ތެރޭގައި ހިއްސާގެ އަގު 175 ޑޮލަރަށް އުފުލިގެން ދިޔަކަން ފާހަގަކުރެވެއެވެ.






ރިއެކްޓް