ދުނިޔެ , ޚަބަރު

މެންގޯ ބްރޭންޑުގެ ވެރިޔާ މަރާލިކަމުގެ ތުހުމަތު އޭނާގެ ދަރިއަށް

20 މޭ 2026 - 08:42
މެންގޯ ބްރޭންޑުގެ ވެރިޔާ މަރާލިކަމުގެ ތުހުމަތު އޭނާގެ ދަރިއަށް

ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް "މެންގޯ" ގެ ބާނީ އިސާކް އަންޑިކް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަރުބަދައަކުން ވެއްޓި މަރުވި ހާދިސާއާ ގުޅިގެން، އޭނާގެ ދަރިފުޅު ޖޮނަތަން އަންޑިކްގެ މައްޗަށް ބާސެލޯނާގެ ކޯޓަކުން ތުހުމަތުކޮށްފިއެވެ.

އުމުރުން 45 އަހަރުގެ ޖޮނަތަން އަންޑިކް ކެޓަލޯނިއާގެ ފުލުހުން ހައްޔަރުކޮށް ސުވާލުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ އޭނާގެ މައްޗަށް 1 މިލިއަން ޔޫރޯގެ ބެއިލްއެއް ކަނޑައަޅައި، ޕާސްޕޯޓް ހިފޭއްޓުމަށް އަމުރުކޮށްފައެވެ. ބެއިލްގެ ފައިސާ ދެއްކުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ކޮންމެ ހަފުތާއަކު އެއްފަހަރު ކޯޓަށް ރިޕޯޓްކުރަން ޖެހޭނެއެވެ.

އިސާކް އަންޑިކް މަރުވީ ބާސެލޯނާ ކައިރީގައި އޮންނަ ފަރުބަދައަކަށް ދަރިފުޅާއެކު ހައިކިންގްއަށް ގޮސް އުޅެނިކޮށް 100 މީޓަރު މަތިން ވެއްޓިގެންނެވެ. ފުރަތަމަ މި ހާދިސާއަކީ އެކްސިޑެންޓެއް ކަމަށް ބެލި ނަމަވެސް، ފަނޑިޔާރު ރާކޭލް ނިއެޓޯ ގަލްވާން ވިދާޅުވީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ މީހަކު މަރާލުމުގެ (ހޯމިސައިޑް) މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ކޯޓުގެ ލިޔެކިޔުންތަކުގައިވާ ގޮތުން، ބައްޕައާއި ދަރިފުޅާ ދެމެދު އޮތް ގުޅުން ގޯސްވުމާއި، މާލީ މަންފާއެއް އޮތުމާއި، ހާދިސާ ހިނގި ތަން ކުރިން ދިރާސާކޮށްފައިވާކަމުގެ ހެކިތައް ވަނީ ފާހަގަކުރެވިފައެވެ. އަދި އޮޓޯޕްސީ ރިޕޯޓުން މިއީ ކަހާލައިގެން ނުވަތަ އަރިމަތިން ވެއްޓިފައިވާ ވެއްޓުމެއް ނޫންކަން އެނގޭ ކަމަށާއި، ޖޮނަތަންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރިކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މި ތުހުމަތުތަކާ ގުޅިގެން އަންޑިކްގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޮނަތަންއަކީ ކުށެއް ނެތް މީހެއް ކަމަށާއި، އޭނާއާ ދެކޮޅަށް އެއްވެސް ސައްހަ ހެއްކެއް ނުފެންނާނެ ކަމަށެވެ. ދިފާއީ ވަކީލު ކްރިސްޓޮބަލް މާޓެލް ވިދާޅުވީ "މިއީ ވަރަށް ހިތާމަވެރި ތުހުމަތެއް ކަމަށާއި، ޝަރީއަތުގެ ތެރެއިން ހަގީގަތް ހާމަވާނެ" ކަމަށެވެ.

އިސާކް އަންޑިކްއަކީ 1984 ވަނަ އަހަރު މެންގޯ ކުންފުނި އުފައްދައި، އެ ކުންފުނި ދުނިޔޭގެ ފެންވަރުގެ ބޮޑު ބްރޭންޑަކަށް ހެދި އެ ބްރޭންޑުގެ ބާނީއެވެ. އޭނާ މަރުވިއިރު މިލްކިއްޔާތުގައި 4.5 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްއިން ލަފާކުރެއެވެ. މިހާރު މެންގޯގެ 95 އިންސައްތަ ހިއްސާ އޮންނަނީ ޖޮނަތަންއާއި އޭނާގެ ދެ އަންހެން ކޮއްކޮގެ އަތުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0