ބަންގްލަދޭޝްގެ ރައީސް "ޗުއްޕޫ" މަގާމުން އިސްތިއުފާ ދެއްވައިފި
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ، އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން "ޗުއްޕޫ" ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ އޭއެފްޕީއަށް ފެނިފައިވާ ކަމަށް އެނޫހުން ރިޕޯޓުކޮށްފައި ވާއިރު، އޭއެފްޕީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވައިފައެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް އޮތް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ފެތުރެމުންދިޔަ އަޑުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަހާބުއްދީން ވިދާޅުވީ "އާދެ، އަޅުގަނޑު ވަނީ އިސްތިއުފާ ދީފައި،" ކަމަށެވެ. ބަންގްލާދޭޝްގައި ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އޭނާ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ގާނޫނުހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި، ޝަހާބުއްދީން ފާހަގަކުރައްވާފައިވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އެގޮތުން "ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން ކުޑަވުމުގެ ސަބަބުން... ރައީސްކަމުގެ މަގާމު ފަދަ ދުސްތޫރީ މުހިންމު މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަކީ ދެން ކުރެވޭނެ ކަމެއް ނޫން،" ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
އުމުރުން 76 އަހަރުގެ ޝަހާބުއްދީން، 2023 ވަނަ އަހަރު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ ހަސީނާގެ އަވާމީ ލީގުގެ ތާއީދާ އެކު، މަޖިލީހުންނެވެ. ނަމަވެސް، ދަރިވަރުން އިސްނަގައިގެން 2024 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި ހަސީނާގެ ވެރިކަން ވައްޓާލުމާ ގުޅިގެން، ރައީސް ވެސް މަގާމުން ވަކިކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
މިދިޔަ މެއި މަހު ލަންޑަންގައި ސިއްހީ ފަރުވާ ހޯއްދަވަމުން ދެއްވި ދުވަސްވަރު ޝަހާބުއްދީން، ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވީ، ރައީސްގެ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ސަރުކާރަށް އަދި ރަސްމީކޮށް އެނގިފައިނުވާ ކަމަށެވެ.






ރިއެކްޓް