މިޔަރު ހަމަލާތައް އިންތިހާއަށް އިތުރުވެ އޮސްޓްރޭލިއާގެ 40 ބީޗެއް ބަންދުކޮށްފި
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް (އެންއެސްޑަބްލިއު) ސްޓޭޓްގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ހަތަރު މީހަކަށް މިޔަރު ހަމަލާދީފައިވާތީ، މޫދަށް ނޭރުމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރު ދީފިއެވެ.
މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ގާތްގަނޑަކަށް 40 ބީޗެއް މިހާރު ވަނީ ބަންދުކޮށްފައެވެ.
މި ހަމަލާތައް ދީފައިވަނީ ބުލް ޝާކް (Bull Shark) ނަމަކަށް ކިޔާ މިޔަރުގެ ބާވަތަކުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ބާވަތުގެ މިޔަރަކީ އާންމުކޮށް ކޯރުތަކުގެ މުށިކުލައިގެ ފެނުގައި އުޅޭ ބާވަތެކެވެ. ފާއިތުވި ހަފުތާ ބަންދުގައި ސިޑްނީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުތަކުން މޫދަށް އޮހިގެން ދިޔަ ފެނާއިއެކު، މިޔަރުތައް ވަނީ އައްސޭރިފަށާ ގާތަށް ޖެހިފައެވެ.
މި ހަމަލާތަކުގައި ފުރަތަމަ ޝިކާރައަކަށްވީ ސިޑްނީ ގައި މޫދަށް އެރުނު 12 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، މޭންލީ ބީޗުގައި ރާޅާ އަޅަން އުޅުނު 25 އަހަރުގެ ޒުވާނަކަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި އެހެން ދެ ހާދިސާއެއްގައި ރާޅާ އަޅާ ބޯޑުތަކަށްވެސް މިޔަރު ހަމަލާތައް އަމާޒުވެފައިވެއެވެ.
އެންއެސްޑަބްލިއު ސާފް ލައިފް ސޭވިންގެ ސީއީއޯ ސްޓީވް ޕިއާސް ވިދާޅުވީ، މިޔަރު ފެނުމަކީ އާންމު ކަމެއް ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަތަރު މީހަކަށް ހަމަލާދިނުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެއް ކަމަށެވެ. "ބީޗުތައް ބަންދުކޮށްފައިވަނީ ސަބަބެއް އޮވެގެން. މޫދަށް އެރުމާއި ރާޅާ އެޅުމުން ދުރުހެލިވޭ،" އޭނާ ވިދާޅުވިއެވެ.
މެރިން އިކޮލޮޖީގެ ތަޖުރިބާކާރު ވިންސެންޓް ރައުލްޓް ވިދާޅުވި ގޮތުގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުތަކުގެ ފެން މޫދަށް އެޅި މޫދު ކިލަނބުވުމުން މިޔަރުތަކުގެ ފެނުން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެހެންކަމުން އެ އެއްޗެހި ކައިރީގައި ހުންނަ ތަކެތި ދެނެގަތުމަށްޓަކައި ދަތްއަޅާ ކަމަށާއި، ބޮޑެތި މިޔަރުތައް މިގޮތަށް ދަތްއެޅުމަކީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ލިބިދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް އޮސްޓްރޭލިއާ ޑޭގެ ބަންދާ ދިމާކޮށް ގިނަ ބަޔަކު ބީޗުތަކަށް ޖަމާވާނެތީ، ޑްރޯން އާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން އައްސޭރިފަށް މޮނިޓަރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެންއެސްޑަބްލިއު ސްޓޭޓްގެ ޕްރިމިއާ ކްރިސް މިންސް ވިދާޅުވީ، މޫސުން ގޯސްވެ ފެން ކިލަނބުވާ ވަގުތުތަކުގައި އާންމުންނަށް ދޭ އިންޒާރުތައް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.






ރިއެކްޓް