ދުނިޔެ , ވިޔަފާރި , ޚަބަރު

ހަނގުރާމަ ނިމުނުކަން އިއުލާނު ކުރުމާއެކު ތެޔޮ ފީފާއެއްގެ އަގު 79 ޑޮލަރަށް ވެއްޓިއްޖެ

15 ޖޫން 2026 - 13:25
ހަނގުރާމަ ނިމުނުކަން އިއުލާނު ކުރުމާއެކު ތެޔޮ ފީފާއެއްގެ އަގު 79 ޑޮލަރަށް ވެއްޓިއްޖެ
އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުން އައި ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން އިއުލާނު ކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 79 ޑޮލަރަށް ވެއްޓިއްޖެއެވެ. 
މި ބަދަލު އައިސްފައިވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ ސާފުނުކުރާ ތެލުގެ ފިއުޗާ ކޮންޓްރެކްޓްތަކުގެ އަގު 5.6 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 80.13 ޑޮލަރަށް ތިރިވެފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މާކެޓްގައި ބްރެންޓް ކުރޫޑްގެ އަގު 4.8 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު މިހާރު ހުރީ 79.5 ޑޮލަރުގައެވެ.

މި ހަނގުރާމަ ހުއްޓާލިކަން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިއުލާނު ކުރެއްވުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" މެދުވެރިކޮށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު ހެދި އެއްބަސްވުން މިހާރު ނިމިފައިވާ ކަމަށާއި، މިއީ ހުރިހާ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ރައީސް ޓްރަމްޕްގެ ޕޯސްޓުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެއްވެސް ޓޯލް ނެގުމެއް ނެތި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އޭނާ ހުއްދަ ދެއްވާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ކަނޑު ސިފައިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން ނައްތާލުމަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. "ދުނިޔޭގެ މަނަވަރުތައް، އިންޖީނު ޖައްސައިގެން ތެޔޮ އުފުލަން ފަށާ،" ޓްރަމްޕްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހާމަކުރެއްވި ގޮތުގައި، ލުބުނާން ހިމެނޭހެން އެމެރިކާ އާއި އީރާންގެ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. މި ތާރީޚީ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ސުވިޒަލޭންޑުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0