ލަންކާއަށް ވަގަށް އެތެރެކުރަން އުޅުނު 3 މިލިޔަން ޑޮލަރަށްވުރެ އަގުހުރި ރަން އަތުލައިގަނެފި

ސްރީ ލަންކާގެ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި، ވައިގެ މަގުން އެ ގައުމަށް ވަގަށް އެތެރެކުރަން އުޅުނު 3.74 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ރަން އިއްޔެ އަތުލައިގަނެފިއެވެ.
މި މައްސަލައިގައި ކޮލަމްބޯއަށް ނިސްބަތްވާ 32 އަހަރުގެ ވިޔަފާރިވެރިއެއް ވަނީ ހައްޔަރުކޮށްފައެވެ.
ލަންކާގެ ކަސްޓަމްސްގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، އަތުލައިގަނެފައިވާ ރަނުގެ ބަރުދަނަކީ 35 ކިލޯގްރާމެވެ. މި ތަކެތީގެ ޖުމްލަ އަގު ލަންކާ ރުޕީސްއިން 1.10 ބިލިއަނަށް އަރައެވެ. މި ތަކެތި އެތެރެކުރަން އުޅެފައިވަނީ ކާރުގެ ސްޕެއަރ ޕާޓްސްގެ ގޮތުގައި މޮޑިފައިކޮށްގެންނާއި ސޫޓްކޭސްތަކުގެ ތެރޭގައި ފޮރުވައިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތް ބަންޑާރަނާޔަކަ އެއަރޕޯޓަށް އައިސްފައިވަނީ ދުބާއިން އެމިރޭޓްސް އެއަރލައިންސްގެ ފްލައިޓަކުންނެވެ. އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ގޯލްޑް ބިސްކަޓާއި އެކި ބާވަތުގެ ރަނުގެ ގަހަނާ ހިމެނެއެވެ.
ލަންކާ ކަސްޓަމްސްއިން ފާހަގަކުރި ގޮތުގައި މިއީ އެ ގައުމުގެ ތާރީޚުގައި ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު އެންމެ ބޮޑު އަދަދެއްގެ ރަނުގެ މައްސަލައެވެ. މި އޮޕަރޭޝަންގެ މުހިންމުކަމުގެ ސަބަބުން، ކަސްޓަމްސްގެ އިސް އޮފިޝަލުން ވަނީ އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު އެއަރޕޯޓަށް ޒިޔާރަތްކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ހައްޔަރުކުރެވުނު ފަރާތް މި ޢަމަލު ހިންގީ އެހެން ބައެއްގެ އެހީތެރިކަމާއެކުތޯ ބަލަމުންދާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޓް



