ޚަބަރު

ރައީސް އަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ޖުލައި 31, 2025 - 23:38
ޖުލައި 31, 2025 - 23:39
 0
ރައީސް އަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް މަރާލާނެ ކަމުގެ އިންޒާރު ދިން މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ މަލަސް، މަސީހު މޫސާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ މޮބައިލް ފޯނު ވެސް ވަނީ ފުލުހުން ހިފަހައްޓާފައެވެ. މިފަދަ މައްސަލަތަކަކީ ޤާނޫނީ ގޮތުން ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭ މައްސަލަތަކެވެ.

މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމެކެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އެންމެ މަތީ އަދަބެއްގެ ގޮތުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައިވާނެކަމަށް ސޯޝަލްމީޑިއާގަ ރައީސް ކުރެއްވި ޕޯސްޓަކަށް "މަސީހް މޫސާ" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން މަރުގެ އިންޒާރު ދިނުމުންނެވެ. 

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0