ޚަބަރު

ރޯހައުސް މައްސަލަ ބޮޑުވެ ރަޖާ އަޅައިގެން ނިދަން އޮށޯތީ ކައުންސިލް އިދާރާ ދޮރުމަތީގައި

ޖުލައި 31, 2025 - 12:03
ޖުލައި 31, 2025 - 12:59
 0
ރޯހައުސް މައްސަލަ ބޮޑުވެ ރަޖާ އަޅައިގެން ނިދަން އޮށޯތީ ކައުންސިލް އިދާރާ ދޮރުމަތީގައި

ގއ. ވިލިނގިލީގައި ރޯހައުސް ދިނުން ލަސްވެގެން އިހުތިޖާޖު ކުރުމުގެ ގޮތުން އެރަށުގެ ރައްޔިިތަކު ކައުންސިލް އިދާރާ ކުރިމަތީގައި ރަޖާ އަޅައިގެން ނިދަން އޮށޯވެއްޖެއެވެ.

ކައުންސިލް އިދާރާގެ ދޮރާށީގެ ހުރަހަށް ވާގޮތަށް އަންހެން މީހަކު ރަޖާގަނޑެއް އަޅައިގެން އޮށޯވެ އޮންނަ މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުން މި އަންހެންމީހާ އޮށޯވެގެން އޮތީ ވިލިނގިލި ކައުންސިލް އިދާރާގެ ދޮރާށި މެދުގައެވެ. އަދި އެމީހާ އެތަނުން ތެދުކުރުމަށް ފުލުހުން އެމީހާގެ ގާތުގައި ހަރަކާތްތެރިވަމުންދާތަން ފެނެއެވެ.

މިކަމާ ގުޅޭ ގޮތުން ވިލިނގިލިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މައްސަލަ ޖެހިގެން އުޅެނީ ރައީސް ޔާމީންގެ ދައުރުގައި އެރަށުގައި އިމާރާތްކުރި 52 ރޯހައުސްގެ ތެރެއިން ނުދީހުރި 2 ރޯހައުސްގެ މައްސަލައެވެ.

"ދެ ރޯހައުސްގެ މައްސަލަ އޭސީސީން ބެލުމަށްފަހު ހައްޤުވެރިންނަށް ދިނުމަށް ކައުންސިލަށް ފޮނުވިތާ އަހަރެއް ވަނީ. އެ ރޯހައުސް ނުދީގެން ހިތްހަމަނުޖެހުން ފާޅުކުރާ އަންހެން މީހެއް އެއީ." ވިލިނގިލިން މަޢުލޫމާތުދިން މީހަކު ވިދާޅުވިއެވެ.

އެމީހާ އިތުރަށް ބުނި ގޮތުގައި ކައުންސިލް އިދާރާ ކުރިމަތީގައި އޮތް އަންހެން މީހާ އަކީ ޚާއްސަ އެހީއަށް ބޭނުންވާ ދެކުދިން ގެންގުޅޭ މީހެކެވެ.

މި މައްސަލަ ސޯޝަލްމީޑިއާގައި ޢާއްމުވުމުން އެރަށުގެ އެކި ފަރާތްތަކުން ވަނީ މި ވީޑިއޯ އަދި ފޮޓޯތަކަށް ކޮމެންޓްކޮށް އެމީހުންގެ އިހުސާސްތައް ހިއްސާކޮށްފައެވެ.

---ވިލިނގިލީ ކައުންސިލްގެ ރައީސް

މިގޮތުން ފޭސްބުކްގައި މި ފޮޓޯތަކަށް ކޮމެންޓްކުރި މީހަކު އެރަށުގެ ކައުންސިލަރުން ކުށްވެރިކުރަމުން ބުނެފައިވަނީ "ރައްޔިތުންގެ އިޙްސާސްތަކަށް އަޅާނުލާ، އެމީހުންގެ ދަތިތަކާއި ބޭނުންތައް ނުދަންނަ ބަޔަކު އިންތިޚާބުކުރުމުގެ ނަތީޖާއެވެ. މިފަދަ މީހުން އިންތިޚާބުކުރުމުގެ ސަބަބުން މިހާރު ފެންނަމުންދަނީ އަނިޔާވެރިކަމާއި ވައްކަންކަމުގެ ޢަމަލުތަކެވެ. ރައްޔިތުންގެ ޙާލަތު ރަނގަޅަށް ދެނެގަތުމަކީ ވެރިކަމުގައި ތިބޭ ފަރާތްތަކަށް ކޮންމެހެން މުހިންމު ކަމެއްކަމާއި، އެހެންނޫންނަމަ އޭގެ ނޭދެވޭ ނަތީޖާތަކާ ކުރިމަތިލާންޖެހޭނެކަމެވެ. ގއ.ވިލިނގިލި ރަށު ކައުންސިލްގެ މެންބަރުން  ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަކީ ތިޔަ އިންތިޙާބު ވެފައިވާ ގޮނޑީގެ އެންމެ ފުރަތަމަ އަސާސެވެ." މިފަދައިންނެވެ.

ކައުންސިލް އިދާރާ ކުރިމަތީގައި އޮތް އަންހެންމީހާ އަދި ރަށުގެ ގިނަ ފަރާތްތަކުން މި މައްސަލާގައި ކައުންސިލްގެ ރައީސް ކުށްވެރި ކުރެއެވެ. އެމީހުން ބުނާ ގޮތުގައި ރޯހައުސް ހަވާލުނުކޮށް މިހާ ގިނަ ދުވަސް ވެފައިވަނީ ކައުންސިލް ރައީސް އެކަން ލަސްކުރާތީއެވެ.

މިކަމާ ގުޅޭ ގޮތުން ވިލިނގިލީ ކައުންސިލްގެ ބަހެއް އަދި މިހާތަނަށް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0