ޚަބަރު

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ސަރުކާރުން ވިސްނަނީ

ޖުލައި 30, 2025 - 23:03
ޖުލައި 30, 2025 - 23:04
 0
މަސްތުވާތަކެތި  އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ސަރުކާރުން ވިސްނަނީ
ރައީސް ޑރ. މުޢިއްޒު — ފޮޓޯ: ވިރާސީ

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅަން ވިސްނަމުންދާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެތެރެކުރުމުގެ ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަކީ ރައީސްގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި އިސްލާހުގެ ދަށުން، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ވެސް ޢަމަލުކުރާ ފަދައިން، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭ ގޮތަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި ޤައުމީ މައްސަލައެއް ގޮތުގައި ފާހަގަކުރެވޭއިރު، މި ކުށްތައް ހުއްޓުވުމަށް މިހާރު އޮތް ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މިއީ ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް އަޅަން ނިންމާ އެންމެ ހަރުކަށި ފިޔަވަޅެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0