ކާށިދޫ ކަނޑަށް ހުއްޓުނު ބޯޓެއްގައި ތިބި މީހުން ސަލާމަތްކޮށްފި

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ލައިފްލައިން" ބޯޓު ކާށިދޫގެ އިރުމަތީ ސަރަހައްދުގައި އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި 40 ފަސިންޖަރުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ފަށައިފައެވެ.
މިއަދު ހެނދުނު 8:15 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ ސަލާމަތްކުރުމުގެ މަސައްކަތަށް އަވަސްވެގަނެފައެވެ.
ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންދިއުމަށްޓަކައި ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ވަނީ އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ބުނެފައެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުން ރައްކާތެރިކަމާއެކު އެމީހުންގެ މަންޒިލަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޓް



