ވައި ގަދަވެ އެއާޕޯޓުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެ

ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ޖުލައި 26 އަށް ހަދާފައި ހުރި ގިޑިގެ ވެއްޓުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 1:30 ހާއިރުއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އެ ވަގުތު މަގު ބަންދުވެ، ދަތުރުފަތުރަށް ކޮންމެވެސް ވަރަކަށް ބުރޫ އަރާފައިވެއެވެ.
ފުލުހުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުން ގުޅިގެން ވެއްޓުނު ގިޑިގެ ނަގައި، މިހާރު ވަނީ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
މޯލްޑިވްސް މެޓެރޮލޮޖިކަލް ސަރވިސް (މެޓް) އިން މައުލޫމާތު ދެއްވި ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. "ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ" ކަމަށް މެޓުން ބުނެފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި މޫސުމުގައި ދަތުރުފަތުރު ކުރާއިރު އިތުރު ސަމާލުކަމެއް ބެހެއްޓުމަށް މެޓުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



