ޚަބަރު

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ނުހިފަން އެދިއްޖެ

ޖުލައި 29, 2025 - 14:08
 0
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ނުހިފަން އެދިއްޖެ
ރައްޔިތުންގެ މަޖިލިސް -- ފޮޓޯ: ވިރާސީ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މިގޮތަށް އިލްތިމާސްކުރަން ޖެހުނީ ބައެއް ފަރާތްތަކުން މަޖިލީހުން އާންމުކުރާ މަޢުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް، އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާތީއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު މަޢުލޫމާތު ހިއްސާކުރުމަށާއި، މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އެދިފައިވެއެވެ.

"މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި،" މަޖިލީހުގެ އިދާރާއިން މިފަދައިން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މަޖިލީހުގެ މެންބަރުން ހުށަހަޅުއްވާފައިވާ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކާއި، ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި، ޝާމިލުވާ ކޮމިޓީތަކުގެ މަޢުލޫމާތާއި ތަފާސްހިސާބު ވެބްސައިޓުން ފެންނަން ހުންނާނެކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިއީ މެންބަރުން ކުރައްވާ ހަމައެކަނި މަސައްކަތްތަކެއް ނޫންކަމަށާއި، މުހިންމު ގިނަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރިއަށްގެންދާކަން ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި ބްރޯޑްކާސްޓްކުރުމުގެ މައިގަނޑު މަޤްޞަދަކީ ހޭލުންތެރިކަން އިތުރުކުރުމާއި، މަޢުލޫމާތު މުއްސަނދިކުރުމާއި، ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުންކަމަށް މަޖިލީހުގެ އިދާރާއިން ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން، މަޖިލީހުގެ އުސޫލުތަކާއި އާދަތަކާއި ކަންހިނގާ ގޮތަށް އަހުލުވެރިކުރުވުމާއި، ޤައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0