ޚަބަރު

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސްފި

ޖުލައި 29, 2025 - 13:05
 0
މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު  މާލެ ގެނެސްފި

ލ. މާވަށުގައި އިއްޔެ ހެނދުނު ބޮލަށް ހަމަލާދީ މަރާލި 29 އަހަރުގެ މޫސާ އިބްރާހިމްގެ ހަށިގަނޑު އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރޭ ވަނީ މާލެ ގެނެސްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މަރުގެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 10:10 ހާއިރު، ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައެވެ. މި ހާދިސާގައި މޫސާގެ ކަރަށް ހަމަލާދިނުމުން، އޭނާ ވަނީ ރަށު ހެލްތު ސެންޓަރަށް ގެންދިއުމުގެ ކުރިން މަރުވެފައެވެ.

މި މަރުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި މި ހާދިސާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ އަތުލައިފައެވެ.

މޫސާގެ ހަށިގަނޑު މާލެ ގެނެސްފައިވީ ނަމަވެސް، ޕޯސްޓްމޯޓަމް ހަދާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުން ވަނީ ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި މަރުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު މުހައްމަދު އިބްރާހިމްގެ ބަންދުގެ މުއްދަތު ނެގުމަށް ކޯޓަށް ހާޒިރުކުރެވޭނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0