ޚަރަދު "ކުޑަކުރި" މިނިވަން ދުވަސް ނިންމާލީ ފަސް މިނެޓަށް ލާރި އަންދައިފަ
ގައުމުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ބައްދަލުވުން ނުބޭއްވުމަށް ސަރުކާރުން ނިންމެވުމަށްފަހު، ރޭ އަގުބޮޑުކޮށް މާލޭގައި 5 މިނެޓަށް ހަވާ އެރުވައި "ލާރި އެންދުމާ" ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މަދުކޮށް، ބޮޑެތި ޚަރަދުތައް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ނިންމަވާފައި ވަނިކޮށް، ރޭ އާންމުކޮށް އަރުވާ ވަރަށްވުރެ "ބޮޑުކޮށް" ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމުން ގިނަ ބަޔަކު ދަނީ ސަރުކާރުގެ "ބުއްދި" އާ މެދު ސުވާލު އުފައްދަމުންނެވެ.
މިކަމާ ގުޅިގެން މީސްމީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ގައުމުގެ އިގްތިސާދު ދަށަށް ގޮސްގެން އުޅޭ ކަމަށް ބުނެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ޒަރޫރީ ކަންކަމަށް އުޒުރު ދައްކަމުންދާއިރު، މިފަދަ އިސްރާފު ބޮޑު ހަރަކާތްތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާ ކަމަށާއި، މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެއް ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ފާޑުކިޔާ ފަރާތްތަކުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިގްތިސާދީ ދަތިކަމުގެ ވާހަކަ ދައްކަމުން މިފަދަ ހަރަކާތްތަކަށް އެތައް ލައްކަ ރުފިޔާއެއް އަންދާލުމަކީ ސަރުކާރުން ގެންގުޅޭ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މިވަގުތަށް އެންމެ މުހިންމު އިސްކަންދޭ ކަންތައް ކަމަށެވެ. ނަމަވެސް، މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ފަދަ މުހިންމު ކަންކަން އުނިކުރުމަށްފަހު، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޮޑެތި ޚަރަދުތައް ކުރުމުން އާންމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.






ރިއެކްޓް