ޚަބަރު

ކާބޯތަކެތި ހިފެހެއްޓުމާއި ސިއްހަތަށް ނުރައްކާވާ ތަކެތި ނައްތައިލުމުގެ ބާރު ފުޑް އިންސްޕެކްޓަރުންނަށް

27 ޖުލައި 2026 - 09:56
ކާބޯތަކެތި ހިފެހެއްޓުމާއި ސިއްހަތަށް ނުރައްކާވާ ތަކެތި ނައްތައިލުމުގެ ބާރު ފުޑް އިންސްޕެކްޓަރުންނަށް
  • ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންނަށް، މިންގަނޑަށް ނުފެތޭ ކާބޯތަކެތި ހިފަހައްޓައި އަދި އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި އެފަދަ ތަކެތި ނައްތައިލުމުގެ ފުރިހަމަ ބާރު ލިބިދޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާ ގަވާއިދެއް އާންމުކޮށްފިއެވެ.

    އިއްޔެ އާންމުކުރި "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" ގެ ދަށުން، އުސޫލާ ހިލާފުވާ އިންސްޕެކްޓަރުން އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

    ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ އިންސްޕެކްޓަރުން އައްޔަނުކުރުމުގެ އުސޫލުތައް ބަޔާންކުރުމާއި، އެ ފަރާތްތަކަށް ލިބިގެންވާ ބާރުތައް ސާފުކޮށް ކަނޑައެޅުމެވެ. މީގެ އިތުރުން، އިންސްޕެކްޓަރުން މަސައްކަތުގެ މައިދާނުގައި ގެންގުޅެންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން މި ގަވާއިދުގައި ހިމެނެއެވެ.

    މި ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ބަލައި ފާސްކުރުމުގެ ފުޅާ ބާރުތަކެއް އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. އެގޮތުން ދުރާލައި އެންގުމަކާ ނުލައި ވިޔަފާރިކުރާ ތަންތަނަށް ވަދެ ފާސްކުރުމާއި، ކާބޯތަކެތީގެ ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، ރެކޯޑުތަކުގެ ކޮޕީ ހެދުމުގެ ބާރު ލިބިދެއެވެ. ނަމަވެސް، މީހުން ދިރިއުޅޭ އަމިއްލަ ގެދޮރު ފާސްކުރެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.

    އިންސްޕެކްޓަރަކު ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާ ކުރާނެ މިންގަނޑުތަކަކީ ފުރަތަމަ ފަހަރަށް 5,000 ރުފިޔާ ކަމަށްވާއިރު، ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން، ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް އެމްއެފްޑީއޭއަށް އޮންނާނެއެވެ.

    އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކޮށް، މަސްލަހަތު ފުށުއަރާ ކަންކަމުން އެފަރާތްތަކުން ދުރުހެލިވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

    އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މި ގަވާއިދުގެ ދަށުން ވަނީ ހުޅުވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0