ސިޔާސީ , ޚަބަރު

ނާޒިމް އިސްވެ ހުރެ މާލިއްޔަތު ކޮމިޓީން ބެލި މައްސަލަތަކުގެ ލިޔެކިޔުން ގެއްލިއްޖެ: ޝަމްހީދު

25 ޖުލައި 2026 - 15:14
ނާޒިމް އިސްވެ ހުރެ މާލިއްޔަތު ކޮމިޓީން ބެލި މައްސަލަތަކުގެ ލިޔެކިޔުން ގެއްލިއްޖެ: ޝަމްހީދު

ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މައްސަލަތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ތުހުމަތު ކުރައްވައިފިއެވެ.

"އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އެސްއޯއީތަކުގެ މައްސަލަތައް ބަލަން ފަށައި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހާޒިރުކުރަން ނިންމި ހިސާބުން އެކަމާ ގުޅޭ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުން ގެއްލިފައިވާ ކަމަށެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި އެ ފައިލްތަކުގައި ހުރި ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަރުދާހެއް މިހާރު ވަނީ ގެއްލިފައެވެ.

ޝަމްހީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި މި ލިޔެކިޔުންތައް ފައިލްތަކުންނާއި އެޖެންޑާއިން ގެއްލުވާލާފައިވަނީ ކޮންމެވެސް ބައެއްގެ ނުފޫޒުންނެވެ. "ފައިލް ތެރެއިން ވެސް ގެއްލިއްޖެ. އެޖެންޑާއިން ވެސް ގެއްލިއްޖެ. އެހެންވީމަ ތަހުގީގުކުރުން ކޮންމެ ވެސް ހިސާބަކުން ބާރު އައިސްގެން, މި ސަރުކާރު ގުޅުންހުރި ޕްރޮކިއުމަންޓް ތެރޭގައި ހުރި މިސްމެނޭޖްމަންޓްތަކާއި އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުއްޓުވުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުއްޓުވައިފި،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލިސް ތެރެއިން މިފަދަ ކަންކަން ތަކުރާރުކޮށް ހިނގަމުންދާތީ، މިއީ އާދައިގެ ކަމަކަށް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ ސަމާލުކަމަށް މިކަންކަން ނާންނަ ކަމަށް ވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.

މި ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ފެނަކަ ކޯޕަރޭޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އުފައްދައި، އޭގެ މުގައްރިރަކަށް ނާޒިމް ހަމަޖައްސާފައެވެ. އެ ކޮމިޓީން ބަލަމުން ދިޔައީ ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކާއި އޮޑިޓް ރިޕޯޓުތަކެވެ.

ކޮރަޕްޝަން ނައްތާލުމަށް މަޖިލީހުގެ ކޮމިޓީތަކުން އަންގާ ގޮތަށް އަމަލުކުރުން މުހިންމު ކަމަށް ނާޒިމް ކުރިން ވިދާޅުވެފައިވީ ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ނާޒިމް ވަނީ އެ ކޮމިޓީން ވަކިކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0