ސިޔާސީ , ޚަބަރު

ވެރިކަމުގައި ހުންނަ މީހާގެ އަތް ބަނދެވެން އެބަޖެހޭ: ފައްޔާޒް

16 ޖުލައި 2026 - 21:45
ވެރިކަމުގައި ހުންނަ މީހާގެ އަތް ބަނދެވެން އެބަޖެހޭ: ފައްޔާޒް

ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށާއި، ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ އަތްޕުޅު ކޮންމެވެސް މިންވަރަކަށް ބަނދެވެންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ބޭނުންވެގެން އޭނާއަށް ރިޔާސީ ރޭހަށް ނުކުތުމުގެ ފުރުސަތު ލިބިއްޖެ ނަމަ، އޭނާގެ މައިގަނޑު މެނިފެސްޓޯއަކަށް ވާނީ މި ބޮޑު ބަދަލު ގެނައުން ކަމަށެވެ. ވެރިކަމުގައި ހުންނަ މީހާއަކީ މާ ހައިބަތު ބޮޑު، މާ ވަރުގަދަ ޝަޚްޞިއްޔަތެއް އޮންނަންޖެހޭ މީހެއް ނޫން ކަމަށާއި، އެއީވެސް އާދައިގެ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

"ވެރިކަމުގައި ހުންނަ މީހާގެ އަތް ކޮންމެވެސް ވަރަކަށް ބަނދެވެން އެބަޖެހޭ. މިހާރު ކުރީގެ ވިސްނުން އަޅުގަނޑުމެން ދޫކޮށްލަންޖެހޭ. ވެރި މީހާ ވެރިއަކަށް އަންނަ މީހާ އެހާ މިނިވަންކޮށް ކަންކަން ކުރެވޭ ގޮތަކަށް އޮވެގެނެއް ނުވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރެވިފައި ނެތުމުގެ ނުރައްކަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެފަދަ ކޮންޓްރޯލްތަކެއް ނެތުމުން "ސަކަރާތް މީހަކަށް" މުޅި ގައުމު ފުނޑާލެވިގެންދާއިރު ވެސް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ކަންކަމަކީ އަދަބު ދޭންޖެހޭ ފަދަ ކަންކަން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ގައުމުގެ އިގްތިސާދު ފުނޑިގެންދާ ފަދަ ބޮޑެތި އިހުމާލުތަކެއް (ގްރޮސް ނެގްލިޖެންސް) ވެފައިވާ ނަމަ، އެކަމަށް ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި މަޖިލިސް މެންބަރުންނާއި، ފަނޑިޔާރުންނާއި ސަރުކާރުގެ އިސްވެރިންވެސް ހިމެނޭ ގޮތަށް އިންކުއަރީއެއް ހިންގައި، ރައްޔިތުންގެ ކުރިމަތީގައި ޒިންމާދާރުކުރުވުން އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ހަމައެކަނި ވަކި މީހަކު ޖަލަށްލުމުގެ މަގްސަދުގައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ކުރިއަށް އޮތް މުސްތަގުބަލުގައި އަންނަން އޮތް ބަޔަކަށްވެސް އޮންނަންޖެހޭ ޒިންމާދާރުކުރުވުމުގެ ނިޒާމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0