ސިޔާސީ

ރާއްޖޭގައި ކޮރަޕްޝަން ގިނަވީ ޑިމޮކްރަސީ ގެނައިފަހުން: މެންބަރު ސަލީމް

15 ޖުލައި 2026 - 09:47
ރާއްޖޭގައި ކޮރަޕްޝަން ގިނަވީ ޑިމޮކްރަސީ ގެނައިފަހުން: މެންބަރު ސަލީމް

ދިވެހިރާއްޖޭގައި ކޮރަޕްޝަން އިތުރުވެގެން ގޮސްފައިވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައި ފަހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.

ސަލީމު މިފަދައިން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި، ސިޔާސީގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

"ކޮރަޕްޝަން މީ ފެށުނީއްސުރެ އަންނަ އެއްޗެއް. މީ އެއްވެސް ގޮތަކަށް ހުއްޓުވުނު އެއްޗެއް ނޫން އެއްވެސް ބަޔަކަށް. ނުހުއްޓުވުނު. ހަމަ ހިނގަމުން އައީ. ޚާއްސަކޮށް މި ޑިމޮކްރަސީއެކޭ ކިޔާ އެއްޗެއް އައިފަހުން، އެހިސާބުނން ފެށިގެން ހައްދުފަހަނަ އެޅީ. ހަމަ ހައްދުފަހަނަ އެޅީ. އަޅުގަނޑުމެންނަށް ކަންކަމާއި ގުޅިގެން އަޅަންވާ ފިޔަވަޅުތައްވެސް ހަގީގަތުގަ ނޭޅޭ." ކޮރަޕްޝަނަކީ އަބަދުވެސް އޮންނަ މައްސަލައެއް ނަމަވެސް ބޮއްސުންލައިގެން ދިޔައީ ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ ސަބަބުންކަމަށް ސިފަކުރައްވަމުން މެންބަރު ވިދާޅުވިއެވެ.

ސަލީމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަނަކީ ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އެކަން ކާމިޔާބުވެފައި ނުވާކަން ފާހަގަކުރެއްވިއެވެ.

"މީކީ ހުއްޓުވޭނޭ ކަމެއް ނޫން. ދުނިޔޭގެ އެންމެ ބޮޑަށް ތަރައްގީވެފައިވާ ޤައުމުތައް، އެމެރިކާގައިވެސް. އެއީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމު. އެގައުމުގައިވެސް ހަމަ ކަރަޕްޝަން އެބަ ހިނގާ." މެންބަރު ވިދާޅުވިއެވެ.

މެންބަރުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދައުރުތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރި މަސައްކަތްތައް މަދުކަން ފާހަގަކުރެއްވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0