ޚަބަރު , ސިޔާސީ

މުއިއްޒު އަންގަވައިގެން ޒަމީރު އިސްތިއުފާ ދީފި

8 ޖޫން 2026 - 11:21
މުއިއްޒު އަންގަވައިގެން ޒަމީރު އިސްތިއުފާ ދީފި

ރައީސް މުއިއްޒު އަންގަވައިގެން، ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފިއެވެ. ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 30 ސެޕްޓެމްބަރު 2024 ގައެވެ.

މިނިސްޓަރު ޒަމީރުގެ ވަރަށް ގާތް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް މުއިއްޒުގެ އެކި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒަމީރު އުޅުއްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން ފައިސާ މެނޭޖުކުރާ ގޮތާ މެދު ޒަމީރު ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާ ކަމަށާއި، އެކަންކަން އިސްލާހުކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ޒަމީރު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ ސިޔާސީ މަސްރަހަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އެންމެ ފުރަތަމަ ހުށަހެޅީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ސިމާދު އިބްރާހިމް އަށެވެ. ނަމަވެސް ސިމާދު ވަނީ އެ ހުށަހެޅުމަށް އިންކާރު ކުރައްވާފައެވެ.

މިހާރު ބެލެވޭ ގޮތުގައި ފިނޭންސް މިނިސްޓަރުގެ މަގާމަށް ދެން އައްޔަންކުރާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީ ބަހެއް ވިދާޅެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0