ޕްރޮފެސަރާއި އޭނާގެ ދަރިފުޅު މަރުވީ އޮކްސިޖަން ހުސްވެގެން: އޮޓޮޕްސީ
ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ ޑައިވަރުން މަރުވެފައި ވަނީ އޮކްސިޖަން ހުސްވުމުން ނުވަތަ އޮކްސިޖަން ނުލިބުމުގެ ސަބަބުން ގެނބިގެން ކަމަށް އެ މީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައިގައެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮޓޮޕްސީ ހެދި ހަތަރު ޑައިވަރުންގެ ތެރެއިން މިހާތަނަށް ވަގުތީ ނަތީޖާ ލިބިފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް (20އ) ގެއެވެ. ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ކަނޑައެޅި ފޮރެންސިކް ޑޮކްޓަރު ހެދި މި އޮޓޮޕްސީން ދައްކާ ގޮތުގައި، އެ ދެމައިން މަރުވީ އޮކްސިޖަން ފުޅިން ވައި ހުސްވުމުގެ ސަބަބުން ނުވަތަ އޮކްސިޖަން ނުލިބިގެންނެވެ. އަދި އޭގެ ސަބަބުން ގެނބުނީއެވެ.
މި މައްސަލަ ރޯމްގެ އިދާރާތަކުން ތަހުގީގު ކުރަމުންދަނީ އިހުމާލު މަރެއްގެ ގޮތުގައެވެ. މައްސަލައިގެ ފުނަށް ދިއުމަށްޓަކައި، ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ރާއްޖޭގެ އިދާރާތަކުން ހޯދާފައިވާ އެންމެހާ ލިޔެކިޔުންތަކާއި، ޑައިވަރުން ބޭނުންކުރި ޓެކްނިކަލް އާލާތްތަކުގެ އިތުރުން ހޮހޮޅައިން ނެގި ގޯޕްރޯ ކެމެރާގެ ފުޓޭޖުތައް ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ހާދިސާ ހިނގި ދުވަހު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ނަގާފައިވަނީ ފިންލޭންޑްގެ ތަޖުރިބާކާރު ޓީމެއްގެ އެހީތެރިކަމާއެކު މިދިޔަ ހަފްތާގައެވެ. އެ ހަތަރު މީހުންގެ ހަށިގަނޑު މިދިޔަ ހޮނިހިރު ދުވަހު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. މިހާރު އެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
އޮޓޮޕްސީގެ ފައިނަލް ރިޕޯޓްތަކާއި ފުރިހަމަ ތަފްސީލުތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި ތަހުގީގުގެ ސަބަބުން މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އިތުރަށް ސާފުވެގެންދާނެއެވެ.






ރިއެކްޓް