އިޓަލީ ޑައިވަރުންގެ ޕޯސްޓްމޯޓަމް ހަދައިފި
ރާއްޖޭގެ ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް މީހުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރެއިން "ޖިއަންލޫކާ ބެނެޑެޓީ" އާއި "ފެޑެރިކޯ ގުއަލްޓިއޭރީ"ގެ ޕޯސްޓްމޯޓަމް އިއްޔެ ހަދާފައިވާއިރު، މިއަދު ވަނީ ގަލަރާޓޭގެ ހޮސްޕިޓަލުގައި "މޮނިކާ މޮންޓެފަލްކޯން" އާއި އޭނާގެ ދަރިފުޅު "ޖިއޯޖިއާ ސޮމަކަލް"ގެ އިތުރުން "މުރިއަލް އޮޑެނީނޯ"ގެ ހަށިގަނޑުގެ ތަހުލީލުތައް ކުރިއަށް ގެންގޮސްފައެވެ.
މި ތަހުލީލުތައް ކުރިއަށް ގެންދިއުމަށްޓަކައި ތަޖުރިބާކާރުންގެ ހާއްސަ ޕެނަލެއް ވަނީ އައްޔަންކޮށްފައެވެ. މި ޕެނަލްގައި ޔުނިވަރސިޓީ އޮފް ޕަވިއާގެ ފޮރެންސިކް ޑޮކްޓަރު ލޫކާ ތަޖާނާ އާއި، ޓޮކްސިކޮލޮޖިސްޓް ކްރިސްޓިއާނާ ސްޓްރަމޭސީގެ އިތުރުން ފީނުމުގެ ދާއިރާގެ މާހިރު ލޫސިއާނޯ ޑިޓްރީ ހިމެނެއެވެ. މީގެ އިތުރުން ގުއަލްޓިއޭރީ އާއިލާގެ ފަރާތުން ޑރ. ކެރޯލާ ވަނޯލީ ވެސް މި ޓީމުގައި ބައިވެރިވެއެވެ.
މި ހާދިސާގެ ތަހުގީގު އިޓަލީގެ ޖެނޯއާގެ މޮބައިލް ސްކޮޑުން، ރޯމް ޕަބްލިކް ޕްރޮސެކިއުޓަރ އޮފީހުގެ އިރުޝާދުގެ ދަށުން ދަނީ ކުރިއަށް ގެންދަމުންނެވެ. ތަހުގީގު ޓީމުން މިހާރު ދަނީ މި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއި ހެކިބަސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ތަހުގީގުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ޖެނޯއާ ޔުނިވަރސިޓީން ޕްރޮފެސަރ މޮންޓެފަލްކޯންއާ ހަވާލުކުރި މިޝަންގެ ތަފްސީލު ހޯދުމެވެ. ޔުނިވަރސިޓީން ބުނަމުންދަނީ "ޑައިވް ކުރުމުގެ ހަރަކާތަކީ އެއްވެސް ހާލެއްގައި ސައިންޓިފިކް މިޝަންގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެއީ އަމިއްލަ ހައިސިއްޔުން ކުރި ކަމެއް" ކަމަށެވެ. ނަމަވެސް ތަހުގީގުގައި މިކަމުގެ ހަގީގަތް ބަލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕޯސްޓްމޯޓަމްގެ ނަތީޖާއިން ފަސް ޑައިވަރުން މަރުވި ސީދާ ސަބަބު ސާފުވެގެންދާނެއެވެ. މީގެ އިތުރުން، ފިންލޭންޑްގެ ރެސްކިއު ޓީމުން ހޯދާފައިވާ ގޯ-ޕްރޯ ކެމެރާތަކުގެ އެނަލިސިސްއިން، 60 މީޓަރުގެ ފުންމިނުގައި ހުރި ނުރައްކާތެރި ހަނި ހޮހޮޅައަށް އެމީހުން ވަދެ ބަންދުވާން މެދުވެރިވި ސަބަބު ދެނެގަނެވޭނެ ކަމަށް ބެލެވެއެވެ.
އިޓަލީ ޑައިވަރުންގެ މަރު ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހަދާފައިވާއިރު، މި ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ ޑައިވަރުގެ މަރު ތަހުގީގު ކުރުމަށް ރާއްޖޭގެ އިދާރާތަކުން މިފަދަ އިސްކަމެއްް ދީފައި ނުވެއެވެ.






ރިއެކްޓް