ޑައިވަރު މަހުދީ ނިޔާވި ހާދިސާ ފުލުހުން ތަހުގީގުކުރަން ފަށައިފި
އަލިމަތާ ކައިރި ކަނޑުއަޑީ ހޮހަޅައިގައި ތާށިވި އިޓަލީ ޑައިވަރުންގެ ހަށިގަނޑު ނެގުމަށް ޑައިވްކުރަނިކޮށް އެމްއެންޑީއެފްގެ ޑައިވަރު މަހުދީ ނިޔާވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ "2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން" ކަމަށެވެ.
ފުލުހުން މިފަދައިން ބުނެފައިމިވަނީ މަހުދީ ނިޔާވެ ވަޅުލިތާ 3 ދުވަސް ފަހުންނެވެ. މަހުދީ ނިޔާވި ހާދިސާ ތަހުގީގުކުރުމަށް ސޯޝަލްމީޑިއާގައި އެތައްބަޔަކު ދަނީ ގޮވާލަމުން ދަނިކޮށެވެ. ނޫސްވެރިން އެތައް ފަހަރަކު ސުވާލުކުރުމުންވެސް ޖަވާބެއްް ނުދީ މަޑުކުރުމަށްފަހު ފުލުހުން މިރޭ ދިން ޖަވާބުގައި ތަހުގީގުގެ އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މަހުދީ ނިޔާވި ހަގީގީ ސަބަބެއް ހޯދުމަށް ތަހުގީގު ކުރުމަކާއި ނުލައި މަހުދީ ވަޅުލާފައިވާއިރު، އިޓަލީގެ 5 މީހުންގެ މަރު. ތަހުގީގު ކުރުމަށް އިޓަލީ ސަރުކާރުން ފެށުމާއި ގުޅިގެން ގިނަ ބައެއްެ ފާޑުކިޔުން މިހާރުވެސް ވަނީ ފުލުހުންގެ އިދާރާއަށް އަމާޒުވެފައެވެ.






ރިއެކްޓް