ޚަބަރު

ފަހު ދެ ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިން ނަގައިފި

20 މޭ 2026 - 14:38
ފަހު ދެ ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިން ނަގައިފި

ވ. އަތޮޅު އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހަޅައެއްގައި ތާށިވި އިޓަލީ ފަތުރުވެރިންގެ ތެރެއިން ނުނެގި އޮތް ދެ ފަތުރުވެރިންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.

މި ދެ ޑައިވަރުންގެ ހަށިގަނޑު ނެގިފައިވަނީ ހޮހޮޅައިގައި ތާށިވިތާ ހަ ދުވަސް ފަހުންނެވެ. 

މި މީހުންގެ ހަށިގަނޑުތައް ލޮކޭޓު ކުރެވިފައިވަނީ މިދިޔަ ހޯމަދުވަހުގެ ވަގުތެއްގައެވެ.

މި ރިކަވަރީ އޮޕަރޭޝަން މިހާރު ލީޑުކުރަނީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމަކުންނެވެ. މި އޮޕަރޭޝަނުގައި ރީބްރީތާސް އާއި، އަޑީގައި ދުއްވާ ސްކޫޓަރުގެ އިތުރުން ލައިފް-ސަޕޯޓް ސިސްޓަމްތައް ހިމެނޭހެން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރި ކަމަށް ތަޖުރިބާކާރުންގެ ޓީމުން ހާމަކުރެއެވެ.

ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، ފިންލޭންޑުގެ ޓީމުން ވަނީ ހޮހޮޅައިގެ ތެރެއިން ހަށިގަނޑުތައް ނެރެ ކަނޑުގެ 30 މީޓަރުގެ ފުންމިނާ ހަމައަށް ގެނެސްދީފައެވެ. އެ ހިސާބުން ފެށިގެން އެ މީހުންގެ ހަށިގަނޑު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރީ ދިވެހި ސިފައިންނާއި ފުލުހުންގެ ޑައިވް ޓީމުތަކުން ގުޅިގެންނެވެ.

މި ހާދިސާގައި ހޮހަޅައަށް ދިޔަ ފަސް މީހުންގެ ތެރެއިން އިއްޔެގެ ވަގުތެއްގައި ތިން މީހެއްގެ ހަށިގަނޑު ވަނީ ފެންމައްޗަށް ނެގިފައެވެ. އެންމެ ފުރަތަމަ ނެގީ ޑައިވް ޓީމް ލީޑަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑެވެ.

މި ހިތާމަވެރި ހާދިސާގައި ޖުމްލަ ހަ މީހަކު ވަނީ މަރުވެފައެވެ. އެއީ އިޓަލީގެ ފަސް ޑައިވަރުންގެ އިތުރުން، ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ދިވެހި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0