ގެއްލުނު ޑައިވަރުންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައި މާލެ ގެނެސްފި
ދެވަނަ ކަނޑުގެ އަޑީގައި ހުންނަ ހޮހޮޅައެއްގައި ތާށިވެފައި ތިބި އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ފެންމައްޗަށް ނަގައިފިއެވެ. މި ދެ ޑައިވަރުންގެ ހަށިގަނޑު ނެގިފައިވަނީ ހޮހޮޅައިގައި ތާށިވިތާ ފަސް ދުވަސް ފަހުންނެވެ.
މި މީހުންގެ ހަށިގަނޑުތައް ލޮކޭޓު ކުރެވިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ރިކަވަރީ އޮޕަރޭޝަން މިހާރު ލީޑުކުރަނީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމަކުންނެވެ. މި އޮޕަރޭޝަނުގައި ރީބްރީތާސް އާއި، އަޑީގައި ދުއްވާ ސްކޫޓަރުގެ އިތުރުން ލައިފް-ސަޕޯޓް ސިސްޓަމްތައް ހިމެނޭހެން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް ތަޖުރިބާކާރުންގެ ޓީމުން ހާމަކުރެއެވެ.
ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، ފިންލޭންޑުގެ ޓީމުން ވަނީ ހޮހޮޅައިގެ ތެރެއިން ހަށިގަނޑުތައް ނެރެ ކަނޑުގެ 30 މީޓަރުގެ ފުންމިނާ ހަމައަށް ގެނެސްދީފައެވެ. އެ ހިސާބުން ފެށިގެން އެ މީހުންގެ ހަށިގަނޑު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރީ ދިވެހި ސިފައިންނާއި ފުލުހުންގެ ޑައިވް ޓީމުތަކުން ގުޅިގެންނެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރު ސާމީ ޕާކަރިނެން ބުނީ، "މިއީ އެތައް ބައެއްގެ ބުރަ މަސައްކަތާއެކު ހިންގާ އޮޕަރޭޝަނެއް. މިއަދު، ހޮހަޅައިގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ވަނީ ނެރެވިފައި. ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ތިބި މީހުން އަނބުރާ ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ކަމަށެވެ. މޫސުން ތަންދޭނަމަ މާދަމާގެ ވަގުތެއްގައި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގޭނެ ކަމަށް ޑޭން ޔޫރޯޕާއިން ލަފާކުރެއެވެ.
މި ހާދިސާގައި ހޮހަޅައަށް ދިޔަ ފަސް މީހުންގެ ތެރެއިން މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ވަނީ ފެންމައްޗަށް ނެގިފައެވެ. އެންމެ ފުރަތަމަ ނެގީ ޑައިވް ޓީމް ލީޑަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑެވެ. ނަމަވެސް މިއަދު ނެގި ދެ ހަށިގަނޑަކީ ކޮން ބައެއްގެ ހަށިގަނޑު ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
މި ހިތާމަވެރި ހާދިސާގައި ޖުމްލަ ހަ މީހަކު ވަނީ މަރުވެފައެވެ. އެއީ އިޓަލީގެ ފަސް ޑައިވަރުންގެ އިތުރުން، ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ދިވެހި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީއެވެ.






ރިއެކްޓް