ޚަބަރު , ސިޔާސީ

ޗީފް އޮފް ޑިފެންސް ފޯސް އެމްއެންޑީއެފްގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ

19 މޭ 2026 - 18:07
ޗީފް އޮފް ޑިފެންސް ފޯސް އެމްއެންޑީއެފްގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ، އެމްއެންޑީއެފްގެ ޔުނިފޯމުގައި ހުންނަވައި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވުމާ ގުޅިގެން، އެއީ ސިފައިންގެ ކޯޑް އޮފް އެތިކްސްއާ ހިލާފު އަމަލެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ހިލްމީ މިފަދައިން ވާހަކަދެއްކެވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ކޯސްޓްގާޑު އޮތީ އެންމެ އެދެވޭ ހާލަތެއްގައި ނޫން ކަމަށެވެ. މިއީ ސިޔާސީ ކުލަވަރު ޖެހިފައިވާ ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެމްއެންޑީއެފްގެ ގަވާއިދުތަކާއި ކޯޑް އޮފް އެތިކްސް ބުނާގޮތުން، ސިފައިންނަކީ އެއްވެސް ސިޔާސީ ފިކުރެއްގައި ބައިވެރިވެ، ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާނެ ބަޔަކަށް ވެގެން ނުވާނެއެވެ. ޔުނިފޯމުގައި ހުރެ ވަކި ސަރުކާރަކަށް ތާއީދުކޮށް ނުވަތަ ކުރީގެ ސަރުކާރަކަށް ފާޑުކިޔުމަކީ މުއައްސަސާގެ އަގު ހިފެހެއްޓުމަށް އޮތް ހުރަހެއް ކަމަށް ގަބޫލުކުރެވެއެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމުގައިވެސް އެމްއެންޑީއެފްގެ ބައިވެރިވުން އޮތްކަން ފާހަގަކުރެވެއެވެ. އެ ހާދިސާއަކީ ބަގާވާތެއްގެ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރކި ނަމަވެސް އެކަން ތަހުގީގުކުރަން އުފެއްދި ކޮމިޝަނުން ނިންމީ ބަޣާވާތެއް ނޫންކަމަށެވެ.

ސިފައިންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެކެވެ.ސިފައިންގެ މުއައްސަސާއަކީ އަބަދުވެސް ރައްޔިތުންގެ ރުހުމާއި ލޯބި ދަމަހައްޓަންޖެހޭ، ގައުމީ މަސްލަހަތު އިސްކުރަންޖެހޭ މުއައްސަސާއެކެވެ. އެހެންކަމުން، އިސްވެރިންގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި މުއައްސަސާގެ މިނިވަންކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތްކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0