ޚަބަރު

ގެއްލުނު ޑައިވަރުން ހޯދަން ފިންލެންޑުގެ ތަޖުރިބާކާރު ޓީމެއް ރާއްޖެ އަތުވެއްޖެ

17 މޭ 2026 - 11:48
ގެއްލުނު ޑައިވަރުން ހޯދަން ފިންލެންޑުގެ ތަޖުރިބާކާރު ޓީމެއް ރާއްޖެ އަތުވެއްޖެ

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިވުމަށް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމެއް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޓީމަކީ ހޮހަޅައަށް ފީނުމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ އަދި ބޭނުންވާ ޓެކްނިކަލް ސާމާނާއެކު އައި ޓީމެއް ކަމަށެވެ.

މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އިއްޔެ ނިޔާވުމާ ގުޅިގެން، ހޯދުމުގެ މަސައްކަތް މިވަގުތަށް އޮތީ މެދުކަނޑާލައިފަ އެވެ. މުންދު ވިދާޅުވީ ފިންލެންޑުގެ ޑައިވަރުން މިވަގުތު ތިބީ ކޯސްޓްގާޑުގެ ސިފައިންނާ އެކުގައި ކަމަށާއި، ދެ ފަރާތުން މަޝްވަރާ ކުރުމަށް ފަހު އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް ކަނޑައަޅާނެ ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ނަމަކަށް ކިޔާ ކުންފުންޏަކާ ނަމަވެސް، އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ހުށަހަޅައިފަ އެވެ. މީގެ ތެރެއިން އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޓެކްނިކަލް ސަޕޯޓު މި އޮޕަރޭޝަނުގައި ލިބޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ވ. އަތޮޅުގެ "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އިންސްޓްރަކްޓަރެކެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު 60 މީޓަރު އަޑިން ފެނިފައިވީ ނަމަވެސް، އަނެއް ހަތަރު މީހުން އަދިވެސް ނުފެނެ އެވެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި އެ މީހުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގަ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ. މި ސަފާރީ އޮޕަރޭޓް ކުރަނީ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ކުންފުނިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0