ޚަބަރު

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން މެދުކަނޑާލައިފި

16 މޭ 2026 - 22:27
ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން މެދުކަނޑާލައިފި

ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަން މެދުކަނޑާލަން ނިންމީ މި މަސައްކަތުގައި އުޅުނު ކޯސްޓްގާޑުގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިއަދު މެންދުރު ފަހު ނިޔާވުމާ ގުޅިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ޑައިވަށް ދިޔައިރު، މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އޭނާ ފެނިފައިވަނީ ކަނޑުގެ އަޑިން މަރުވެފައި އޮއްވައެވެ. ގެއްލިފައިވާ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ސިފައިން މެދުކެނޑުމެއް ނެތި ކުރަމުންދާއިރު، މި އޮޕަރޭޝަނުގައި އެހީތެރިވުމަށް އިޓަލީ ސަރުކާރުން މިހާރު ވަނީ ދެ ފަންނީ މާހިރުން ޓެކްނިކަލް އެކިޔުޕްމެންޓާއެކު ފޮނުވަން ނިންމާފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. 

އިޓަލީ ސަރުކާރުން ފޮނުވާ ޑައިވަރުންގެ ތަޖުރިބާކާރު ޓީމް މާދަމާ ހެނދުނު ރާއްޖެ އައުމުން އަލުން މަސައްކަތް ފަށާނެ ކަމަށާއި އަދި މި އޮޕަރޭޝަނުގައި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ ޓެކްނިކަލް ސަޕޯޓު ލިބޭނެކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. 

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރުމުން، އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓާފައެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު އެ މީހުން ވަނީ 60 މީޓަރު އަޑިއަށް ފީނާފައެވެ. ރާއްޖޭގައި އާންމުކޮށް ޑައިވްކުރުމުގެ ހުއްދަ އޮންނަނީ 30 މީޓަރުގެ ފުންމިނަށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ މީހުން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބިނާކުރާނީ އިއްޔެގެ ޑައިވްތަކުން ލިބުނު ކުރިއެރުންތަކާއި މައުލޫމާތުގެ މައްޗަށެވެ. އިޓަލީގެ ތަޖުރިބާކާރުން އައުމުން މި އޮޕަރޭޝަން އިތުރަށް ވަރުގަދަވެ، ހޯދުމުގެ މަސައްކަތް އަލުން ފުޅާކުރެވޭނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0