ޚަބަރު

ރެސްކިއު ޑައިވަރު ނިޔާވުން: "މިއީ ހަމައެކަނި ހާދިސާއެއް ނޫން، މިއީ ރައްކާތެރިވެވޭނެ ކަމެއް"

16 މޭ 2026 - 21:02
ރެސްކިއު ޑައިވަރު ނިޔާވުން: "މިއީ ހަމައެކަނި ހާދިސާއެއް ނޫން، މިއީ ރައްކާތެރިވެވޭނެ ކަމެއް"
ފަހުދު ފާއިޒް، ފޮޓޯ: ފޭސްބުކް

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހާދިސާއަކީ ހަމައެކަނި ދިމާވި ހާދިސާއެއް ނޫން ކަމަށާއި، އެއީ ރައްކާތެރިވެވޭނެ ކަމެއް ކަމަށް ބުނެ ތަޖުރިބާކާރު ޑައިވަރު ފަހުދު ފާއިޒް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފްރީޑައިވް މޯލްޑިވްސްގެ ފައުންޑަރު އަދި ރާއްޖޭގެ ފުރަތަމަ ޗ އިންސްޓްރަކްޓަރު ފަހުދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދާފައެވެ.

މަހުދީ ނިޔާވީ އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރަކު ހޯދުމުގެ މަސައްކަތުގައި 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން އުޅެނިކޮށެވެ.

ފަހުދު ފާހަގަކުރެއްވި ގޮތުގައި، މޫސުން ގޯސް ދުވަސްވަރެއްގައި، މިހާ ފުން ސަރަހައްދެއްގައި ހުރި ކޭވްއަކަށް އާދައިގެ ވައި ބޭނުންކޮށްގެން ޑައިވް ކުރުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. "މި އޮޕަރޭޝަން މި ހާލަތުގައި ކުރިއަށް ގެންގޮސްގެންވެސް ނުވާނެ. މުޅި ހާލަތު އޮތީ ބޮޑު ކާރިސާއަކަށް މަގުފަހިވާ ގޮތަށް،" ފަހުދު ލިޔުއްވާފައިވެއެވެ.

މިފަދަ ފުން ޑައިވްތަކުގައި އޮކްސިޖަން ޓޮކްސިސިޓީ އާއި ނައިޓްރޯޖަން ނާކޯސިސް ފަދަ ނުރައްކާތައް ކުރިމަތިވާނެ ކަމަށާއި، މިއީ އާދައިގެ ރެސްކިއު ޑައިވަރުންނަށް ވުރެ ބޮޑަށް، ހާއްސަ ތަމްރީނާއި ވަސީލަތްތައް ލިބިފައިވާ 'ޓެކްނިކަލް ކޭވް ޑައިވަރުން' ބޭނުންވާނެ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަށީގެންވާ ވަސީލަތްތައް ނެތް ނަމަ، ސަރުކާރާއި އެމްއެންޑީއެފުން ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޔާވި މަހުދީއަކީ މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ވަޑައިގަތުމުން، ރައީސަށް ބްރީފިން ދިނުމުގައިވެސް ބައިވެރިވި އޮފިސަރެކެވެ. އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ 200 އެއްހާ ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އަދި ރިސްކު ބޮޑު މަސައްކަތެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފަހުދު ވަނީ ޒިންމާދާރުވާންޖެހޭ ފަރާތްތަކުން ޖަވާބުދާރީވުމަށް ގޮވާލާފައެވެ. "މިއީ ހަމައެކަނި ބަދުނަސީބެއް ނޫން. މިއީ ހިނގާނެކަން އެނގި ހުރެ، ހުއްޓުވޭނެ ފަދަ ކާރިސާއެއް،" އޭނާ ވިދާޅުވިއެވެ. ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑު ކަމަށްވާއިރު، ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 5
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0