ޚަބަރު

ޑައިވަރުން ހޯދުމުގެ ހަރަކާތްތެރިވި ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާދެނީ

16 މޭ 2026 - 15:11
ޑައިވަރުން ހޯދުމުގެ ހަރަކާތްތެރިވި ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާދެނީ

ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިއަދު ސިފައިންގެ ޑައިވަރުން ކުރިއަށް ގެންދަނިކޮށެވެ. ހާލު ދެރަވި ސިފައިންގެ މީހާގެ އިތުރު މައުލޫމާތެއް ނުވަތަ ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ޑައިވަށް ދިޔައިރު، މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އޭނާ ފެނިފައިވަނީ ކަނޑުގެ އަޑިން މަރުވެފައި އޮއްވައެވެ. ގެއްލިފައިވާ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ސިފައިން މެދުކެނޑުމެއް ނެތި ކުރަމުންދާއިރު، މި އޮޕަރޭޝަނުގައި އެހީތެރިވުމަށް އިޓަލީ ސަރުކާރުން މިހާރު ވަނީ ފަންނީ މާހިރުން ފޮނުވަން ނިންމާފައެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ސިފައިންގެ ޑައިވަރުންނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ދެ ތަޖުރިބާކާރަކު ފޮނުވަން ނިންމާފައިވާ ކަމަށެވެ. "ލަސްތަކެއް ނުވެ އިޓަލީ ސަރުކާރުން ފޮނުއްވާ ތަޖުރިބާކާރުން ރާއްޖެ އައިސް ސިފައިންގެ ޓީމާ އެކު މަސައްކަތް ކުރައްވަން ފައްޓަވާނެ. އެބޭފުޅުން ތިބި ތަނުން ފްލައިކޮށްފައި އައުން ދެން އޮތީ،" މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރުމުން، އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓާފައެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު އެ މީހުން ވަނީ 60 މީޓަރު އަޑިއަށް ފީނާފައެވެ. ރާއްޖޭގައި އާންމުކޮށް ޑައިވްކުރުމުގެ ހުއްދަ އޮންނަނީ 30 މީޓަރުގެ ފުންމިނަށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ މީހުން ހޯދުމަށް މިއަދު ކުރިއަށްގެންދާ މަސައްކަތްތައް ބިނާކުރާނީ އިއްޔެގެ ޑައިވްތަކުން ލިބުނު ކުރިއެރުންތަކާއި މައުލޫމާތުގެ މައްޗަށެވެ. އިޓަލީގެ ތަޖުރިބާކާރުން އައުމުން މި އޮޕަރޭޝަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0