ގެއްލުނު ދެ ޑައިވަރުންގެ އާއިލާގެ ސުވާލުތަކެއް!
ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯންގެ ފިރިމީހާ ކާލޯ ސޮމަކަލް، މި ހާދިސާއާ ގުޅިގެން ހިތާމަވެރި ޝުއޫރުތަކެއް ފާޅުކޮށް ގިނަ ސުވާލުތަކެއް އުފައްދައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ޑައިވަށް ދިޔަ ފަސް މީހުން ގެއްލިގެން ހޯދަން ފެށިފަހުން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
މިހާދިސާ އާއި ގުޅިގެން ގެއްލުނު ޑައިވަރު އަދި ޔުނިވާސިޓީ ޕްރޮފެސަރުގެ ފިރިމީހާ، ކާލޯ އިޓަލީގެ މަޝްހޫރު ރޭޑިއޯ އާރްޓީއެލް 102.5 އަށް ދިން އިންޓަވިއުއެއްގައި މި ހާދިސާ އާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
ކާރލޯ ބުނި ގޮތުގައި އޭނާގެ އަންހެނުން މޮނިކާއަކީ 5000 އަށްވުރެ ގިނަ ޑައިވް ފުރިހަމަކޮށްފައިވާ، ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ތަޖުރިބާކާރު ޑައިވަރެކެވެ. "އެތަނުގައި ކިހިނެއްވީ ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު ފަސް މީހުން މަރުވުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް. އަހަރެންގެ އަންހެނުންނަކީ އެކްސްޕާޓެއް، އުނދަގޫ ހާލަތެއްގައިވެސް ހަދަންޖެހޭ ގޮތް އޭނާއަށް އެނގޭނެ،" ކާރލޯ ބުންޏެވެ.
މި ހާދިސާގައި ކާލޯގެ އަންހެނުންގެ އިތުރުން އޭނާގެ އަންހެން ދަރިފުޅު ޖިއޯޖިއާ ވެސް ވަނީ ގެއްލިފައެވެ. ޖިއޯޖިއާ އަކީ ބަޔޯމެޑިކަލް އިންޖިނިއަރިންގެ ދާއިރާއިން އަންނަ މަހު ދަސްވެނިވާން ތައްޔާރުވަމުންދިޔަ ކުއްޖެކެވެ. ކާލޯ ބުނި ގޮތުގައި ދާދި ގާތުގައި މިދިޔަ މަހު އޭނާގެ ބޭބެއާއި، މިހާރު އޭނާގެ އަންހެނުންނާއި ދަރިފުޅު ގެއްލުމަކީ އޭނާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މޮނިކާ ގެންގުޅޭ ގޯޕްރޯ ކެމެރާ ފެނުމަކީ މުހިންމު ކަމެއް ކަމަށް ކާލޯ ފާހަގަކުރިއެވެ. އޭނާ ބުނީ އާންމުކޮށް ޑައިވް ކުރާއިރު މޮނިކާ ކެމެރާ ގެންގުޅޭ ކަމަށާއި، އެ ފެނިއްޖެނަމަ އަޑީގައި ހިނގި ކަންތައްތައް ސާފުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ގެއްލިފައިވާ ހަތަރު ޑައިވަރުން ހޯދުމަށް ދިވެހި ސިފައިން ހިންގާ އޮޕަރޭޝަނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން މިހާރު ވަނީ ނިންމާފައެވެ. މިހާތަނަށް ފެނިފައިވަނީ ކަނޑުގެ އަޑިން މަރުވެފައި އޮއްވާ ފެނުނު އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އެމްބަސީން ކާލޯއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފެނުނު ހަށިގަނޑަކީ އޭނާގެ އަންހެނުންގެ ހަށިގަނޑެއް ނޫނެވެ.
ސިފައިންގެ ޑައިވަރުން މެދުކެނޑުމެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާއެވެ. ކާލޯ ބުނި ގޮތުގައި އޭނާގެ އަންހެނުންނާއި ދަރިފުޅަކީ އަބަދުވެސް ހިނިތުންވުމާއެކު އުޅުނު، ކަންކަމުގައި ވަރަށް ފަރުވާތެރި ބައެކެވެ.






ރިއެކްޓް