ޚަބަރު , ސިޔާސީ

ޑައިވަރުން ހޯދަން އިޓަލީ ސަރުކާރުން ދެ މާހިރުން ފޮނުވަނީ

16 މޭ 2026 - 11:08
ޑައިވަރުން ހޯދަން އިޓަލީ ސަރުކާރުން ދެ މާހިރުން ފޮނުވަނީ

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މިހާރު ދިވެހި ސިފައިންގެ ޑައިވަރުން ހިންގަމުންދާ އޮޕަރޭޝަންގައި އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން ނިންމައިފިއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އިޓަލީއަށް ނިސްބަތްވާ ހަތަރު ޑައިވަރުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ޑައިވަށް ދިޔަ ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އޭނާ ފެނިފައިވަނީ ކަނޑުގެ އަޑިން މަރުވެފައި އޮއްވައެވެ. ދެން ތިބި ހަތަރު މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ހިންގާ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ދަނީ ކުރިއަށެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ސިފައިންގެ ޑައިވަރުންނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ދެ ތަޖުރިބާކާރަކު ފޮނުވަން މިހާރު ނިންމާފައިވާ ކަމަށެވެ. "ލަސްތަކެއް ނުވެ އިޓަލީ ސަރުކާރުން ފޮނުއްވާ ތަޖުރިބާކާރުން ރާއްޖެ އައިސް ސިފައިންގެ ޓީމާ އެކު މަސައްކަތް ކުރައްވަން ފައްޓަވާނެ. އެބޭފުޅުން ތިބި ތަނުން ފްލައިކޮށްފައި އައުން ދެން އޮތީ،" މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރުމުން، އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓާފައެވެ. މި ހާދިސާ ހިނގިއިރު، އެ މީހުން 60 މީޓަރު އަޑިއަށް ފީނާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު 10:30 އިން ފެށިގެން ސިފައިންގެ ޑައިވަރުން ކުރިއަށް ގެންދާއިރު، މި މަސައްކަތް ބިނާކުރާނީ އިއްޔެގެ ޑައިވުން ލިބުނު ކުރިއެރުންތަކުގެ މައްޗަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0