ސިޔާސީ , ޚަބަރު

ޑައިވިން ހާދިސާ ހިނގި ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މޭ 2026 - 10:12
ޑައިވިން ހާދިސާ ހިނގި ސަފާރީގެ ލައިސެންސް ހިފަހައްޓައިފި
ޑޫކް އޮފް ޔޯކް ސަފާރީ، ފޮޓޯ: ސޯޝަލް މީޑިއާ

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ހަތަރު ޑައިވަރުން ގެއްލި، އެކަކު މަރުވި ހާދިސާއާ ގުޅިގެން އެ މީހުން ޑައިވިންއަށް ގެންދިޔަ 'އެމްވީ ޑޫކް އޮފް ޔޯކް' ނަމަކަށް ކިޔާ ލަގްޒަރީ ސަފާރީގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ފަސް ޑައިވަރުން ގެއްލިފައިވާއިރު، މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މެދުނުކެނޑި އަންނަނީ ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި ސަފާރީގެ ލައިސެންސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކުރީ ހާދިސާގެ ސީރިއަސްކަމުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މަރުވި އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.

މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފަތުރުވެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ފުލުހުން ކުރިން ފަސް މީހުން މަރުވެފައިވާ ކަމަށް ބުނި ނަމަވެސް، ފަހުން ވަނީ އެއީ މައުލޫމާތުގެ ކުށެއް ކަމަށް ބުނެ އެކަން އިސްލާހުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0