ލޫކަސްގެ ބަންދަށް ދިހަ ދުވަސް ޖަހައިފި
ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން (ލޫކަސް ޖަލީލް) ގެ ބަންދަށް ކޯޓުން 10 ދުވަސް އިތުރުކޮށްފިއެވެ.
ލޫކަސް ހައްޔަރުކޮށްފައިވަނީ ރޭ މާލޭގައި ކުރިއަށްދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ލޫކަސްގެ އިތުރުން ދެން ބަންދުކުރީ އަލީ ޖުމާން (ޑެތު) 5 ދުވަހަށް އަދި އަބްދުالله ޝަރީފް 3 ދުވަހަށެވެ. މުޒާހާރާއިން ހައްޔަރުކުރި އެހެން މީހުން ވަނީ ކޯޓުން ދޫކޮށްލާފައެވެ.
ލޫކަސް އަކީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައި އިސްކޮށް މަސައްކަތް ކުރަމުންދާ އެކްޓިވިސްޓެކެވެ. ހާއްސަކޮށް، ސަރުކާރުގެ ނިންމުންތަކާ މެދު އާންމުންގެ މެދުގައި ބަހުސް އުފައްދައި، ފާޑުކިޔުން އަމާޒުކުރުމުގައި އޭނާއަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.
ސިޔާސީ ގޮތުން ބަލާއިރު، ޝައްމޫނަކީ މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕްގެ އިތުރުން އޭނާގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.






ރިއެކްޓް