ހަލާކުވެފައިހުރި ލޭ ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅިއްޖެ
ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރާ ފްރިޖަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ހަލާކުވެފައި ހުރި ލޭތަކެއް ތިން ކުއްޖެއްގެ ގަޔަށް އެޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ އައިސް އަލަމާރިތަކުގެ ތެރެއިން އެއް އަލަމާރިއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ފްރިޖަށް މައްސަލަ ދިމާވުމުގެ ސަބަބުން އޭގައި ހުރި ލޭ ޕެކެޓުތައް ވަނީ ކުނިވެފައެވެ. ނަމަވެސް ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު ލޭ އަޅަން ދިޔަ ތިން މީހެއްގެ ގަޔަށް އެ ފްރިޖުން ނެގި ލޭ ޕެކެޓުތަކުން ވަނީ ލޭ އަޅާފައެވެ. މިކަން ހިނގަން މެދުވެރިވީ ލޭ އަޅަމުން ދިޔަ ވަގުތު އެތަނުގައި ތިއްބެވި ޑޮކްޓަރަކަށް އަދި ބައެއް ނަރުހުންނަށް ފްރިޖަށް މައްސަލަ ޖެހުނުކަމުގެ މައުލޫމާތު ލިބިފައި ނެތުމުން ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އެމްބީއެސްގެ ޑިރެކްޓާ ޖެނެރަލް އަހުމީމް ފާރިޝް މީޑިއާތަކަށް ވިދާޅުވީ، ފްރިޖަށް މައްސަލަ ޖެހުމާއެކު އޭގައި ހުރި ލޭ ޕެކެޓުތައް ރައްކާތެރި އެހެން އަލަމާރިއަކަށް ބަދަލުކޮށް، އާ ލޭ ހޯދުމުގެ މަސައްކަތް އެރޭ ވަގުތުން ފެށި ކަމަށެވެ. ނަމަވެސް، މުވާސަލާތީ އޮޅުމެއްގެ ސަބަބުން ހަލާކުވި ލޭ ބޭނުންކުރެވުނީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ލޭ އެޅި ތިން މީހުންގެ ތެރެއިން އެއް އާއިލާއަކަށް އެކަން އެންގުން ލަސްވެފައިވާ ކަމަށްވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.
އަހުމީމް އިތުރަށް ވިދާޅުވީ، "މި އިދާރާގެ ފަރާތުން ފުރަތަމަ އިސްކަން ދެނީ އެކަންކަމާ މައާފަށް އެދުމާއެކު، ވަކީން ވެސް އިތުރު ބައްދަލުވުން ބާއްވައި ތަފްސީލު ދިނުމަށް،"ކަމަށެވެ. މިފަދަ ކަމެއް ތަކުރާރު ނުވާނޭގޮތް ހެދުމަށްޓަކައި، މިހާރު އޯޑަރު ކުރެވިފައިވާ އާ އިކުއިޕްމަންޓްތަކާއި ފްރީޒަރުތައް ވީހާވެސް އަވަހަށް ގެނައުމަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ކުޑަ ނަމަވެސް ކަމެއް ހިނގާ ދަނޑިވަޅެއްގައި ޑޯނަރުންނަށާއި އާއިލާތަކަށް އެކަމެއް ހިނގިކަން ވަގުތުން އެންގޭނެ އިންތިޒާމުތައް ކަށަވަރު ކުރާނެ ކަމަށްވެސް އެމްބީއެސްއިން ވަނީ ހާމަކޮށްފައެވެ.






ރިއެކްޓް