ޚަބަރު

ހުސްކުރި ޕެޓް ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އެމްއެފްޑީއޭއިން އަންގައިފި

22 ފެބްރުވަރީ 2026 - 20:26
ހުސްކުރި ޕެޓް ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އެމްއެފްޑީއޭއިން އަންގައިފި

ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ ޕެޓް ފުޅިތައް ހުސްވުމުން، އެ ފުޅިތަކުގައި ދެވަނަ ފަހަރަށް ކާބޯތަކެތި ބަންދުކޮށް ވިއްކުން މަނާކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. 

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. ޚާއްސަކޮށް ކުރުނބާ ފެނި ފަދަ ބުއިންތައް މިފަދަ ފުޅިތަކުގައި ވިއްކުން ބާޒާރުގައި އާންމުވެފައިވާކަން ފާހަގަކުރެވެއެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ފެނާއި ލުއި ބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތައް ތައްޔާރުކޮށްފައިވަނީ ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ ޕެޓް ޕްލާސްޓިކުންނެވެ. މި ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. އެހެންކަމުން މި ފުޅިތައް އެއް ފަހަރަށްވުރެ ގިނައިން ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.

އެމްއެފްޑީއޭއިން އިތުރަށް ބަޔާންކުރި ގޮތުގައި، މިފަދަ ފުޅިތަކުގައި އެކި ބާވަތްތަކުގެ ބުއިންތައް ބަންދުކުރުމުން، ފުޅީގައި ހިމެނޭ ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުމުގެ ފުރުސަތު އޮވެއެވެ. އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ނުރައްކާ އޮތްކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން، ބޯފެނާއި ލުއި ބުއިން ބަންދުކޮށްފައި ހުންނަ ފުޅި ހުސްވުމުން، އެ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް ވިޔަފާރިވެރިންނަށް މިހާރު ވަނީ އަންގާފައެވެ. ހަމައެއާއެކު، ގޭބިސީތަކުގައި ތައްޔާރުކުރާ އެކި ބާވަތްތަކުގެ ބުއިންތައް އެޅުމަށްވެސް މިފަދަ ފުޅިތައް ބޭނުންނުކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0