ޚަބަރު

ރީތިވުމުގެ ބޭނުމަށް އޮންލައިންކޮށް ބޭސް ވިއްކާތީ އެމްއެފްޑީއޭގެ އިންޒާރެއް!

19 ޖަނަވަރީ 2026 - 12:33
ރީތިވުމުގެ ބޭނުމަށް އޮންލައިންކޮށް ބޭސް ވިއްކާތީ އެމްއެފްޑީއޭގެ އިންޒާރެއް!

ބޭސް ބޭނުން ކުރާ ބޭނުންތައް ނޫން އެހެން ބައެއް ރީތިވުމުގެ ބޭނުންތަކަށް އޮންލައިންކޮށް ބޭސް ވިއްކަމުން އަންނާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިން އިންޒާރު ދީފިއެވެ. 

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް އޮންލައިން ޕޭޖްތަކުން އެ އޮތޯރިޓީން ހުއްދަ ނުނަގާ ބޭސް ވިއްކައި، އިޝްތިހާރުކުރާ ކަމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

މިއީ މަނާ ކަމެއް ކަން ފާހަގަކޮށް އެމްއެފްޑީއޭއިން ވަނީ އެ އޮތޯރިޓީން ވަނީ ހުއްދަ ނުނަގާ ބޭސް އެތެރެކޮށް، ވިއްކާ، އިޝްތިހާރުކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

މިގޮތަށް މި ފަހުން ލޭގައި ހުންނަ ހަކުރު ދަށްކުރަން ބޭނުންކުރާ ސެމަގްލޫޓައިޑް [Semaglutide] އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށް އަދި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އޭޒްލޭއިކް އެސިޑް [Azelaic acid] އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ ޕޭޖްތަކުގައި އިޝްތިހާރުކުރަމުން އަންނަ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މި ފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އެ ކަމަކަށް ޚާއްސަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭސް ތަކެއް ކަމަށާއި ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާ ނުލާ މިފަދަ ބޭސް ބޭނުންކުރުމުން، ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.  

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0