ވަކިވަކި ފުލުހުންނާ ގުޅޭ ޕޯސްޓު ޖަހާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު
ވަކި ވަކި ފުލުހުންގެ އާއިލާތަކާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގައި ޝާއިއުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިންޒާރު ދީފިއެވެ.
މި އިންޒާރު ދީފައިވަނީ އެމްޑީޕީން އިންތިޒާމުކޮށްގެން 2025 އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވި ފަރާތްތަކުން މަގުމައްޗަށް ނިކުމެ، ފުލުހުންނާއި ދެމެދު ހިނގި ކަންކަމާއި ގުޅޭ ގޮތުން ސޯޝަލްމީޑިއާގއި އެ ފުލުހުންގެ ވަނަވަރު ހާމަކޮށް ޕޯސްޓުތައް ހިއްސާކުރަމުންދާތީ ކަމުގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ، "ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭގޮތަށާއި އެއޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު މި ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ" ކަމަށެވެ.
އަދި ފުލުހުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށާއި ބިރުދެއްކޭ ގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެއްވެސް އަމަލެއް ހިންގައިފިނަމަ، އެފަދަ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ، ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައެވެ.






ރިއެކްޓް