އޭޝިއަން ކަޕް ކޮލިފަޔާސްގެ ފުރަތަމަ މެޗުން އަފްގާން އަތުން ރާއްޖޭގެ ފުޓްސަލް ޓީމު ބަލިވެއްޖެ

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް 2025 ކޮލިފައިންގެ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 10-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
މިޔަންމާގަ ކުރިޔަށްދާ ކޮލިފައިންގައި މިއަދު މެންދުރު ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި އަފްގާނުން ވަނީ ރާއްޖެ ކޮޅަށް 7 ލަނޑު ޖަހާފަ އެވެ. ރާއްޖެއަށް ފިޒިކަލީ ޗެލެންޖިންގް އަދި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމުގައި ވިޔަސް ރާއްޖެ ޓީމުން ދިޔައީ އެޓޭކް ކުރަން މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައި ރާއްޖޭގެ މުހައްމަދު އިމްރާން (އިންމި) ދިން ޕާހެއް މަޑު މަޑުން ގޯލުތެރެއަށް ފޮނުވާލާއިން އިޝާން އިބްރާހިމް (ސައްޓު) ރާއްޖެއަށް ލަނޑެއް ކާމިޔާބު ކޮށްދިނެވެ. މިއީ ސައްޓު ރާއްޖެ ފުޓްސަލް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.
ދެވަނަ ހާފުގައި އަގްފާނުން ވަނީ އިތުރު 3 ލަނޑު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. މި މުބާރާތުގައި ދެން ރާއްޖެ މެޗެއް ކުޅޭނީ މި މަހު 22 ގަ އެވެ. އެ މެޗުގައި ރާއްޖެ ބައްދަލުކުރާނީ މުބާރާތް ކުޅޭ ގައުމު މިޔަންމާއާއި އެވެ.
ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތްތަކުގައި ރާއްޖޭގެ ފުޓްސަލް ޓީމް ބައިވެރިވާއިރު އިންޑޯ ފުޓްސަލް ޕިޗެއް އަދިވެސް ރާއްޖޭގައި ނެތެވެ. އިންޑޯ ފުޓްސަލް ކޮމްޕްލެކްސެއް ތަރައްގީކުރުމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ހުޅުމާލެއިން ބިމެއް ހޯދާފަ އެވެ. ނަމަވެސް އެތަނުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި ނުފަށަ އެވެ.
ރިއެކްޓް



