ކުޅިވަރު

ދެ އަހަރަށް ފަހު ފުރަތަމަ ޑިވިޝަން ފެށުން، ދާދުގެ ޕާފެކްޓް ހެޓްރިކެއް

ސެޕްޓެމްބަރު 19, 2025 - 15:26
 0
ދެ އަހަރަށް ފަހު ފުރަތަމަ ޑިވިޝަން ފެށުން، ދާދުގެ ޕާފެކްޓް ހެޓްރިކެއް
ދާދު ގޯލް ޖެހުމަށްފަހު އުފާ ފާޅު ކުރަނީ. ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު އާ ސީޒަން ފެށި މެޗުގައި ނާއިޒް ހަސަން (ދާދު) ގެ ޕާފެކްތް ހެޓްރިކަކާ އެކުކު ޗެމްޕިއަން މާޒިޔާ 5-1 އިން އީގަލްސް ބަލިކޮށްފި އެވެ.

ޕާފެކްޓް ހެޓްރިކަކަށް ވަނީ ދެ ފައިންނާއި ބޮލުން ވެސް ގޯލެއް ޖެހުމުންނެވެ. ރޭގެ ފުރަތަމަ މެޗުގައި ދާދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. 

ފުރަތަމަ ގޯލު ހަތަރުވަނަ މިނިޓުގައި ދާދު ޖެހީ ހަސަން ނަޒީމް (ޗޯޓު) ދިން ޕާހަކުްނ ކަނާތު ފައިންނެވެ. ދެވަނަ ގޯލަކީ އީގަލްސް ކުޅުންތެރިން ކްލިއާ ކޮށްލަން އުޅެނިކޮށް އެ ޓީމު ކުޅުންތެރިއެއް ގައިގައި ޖެހިފައި ވަން ގޯލެކެވެ.

މާޒިޔާގެ ތިންވަނަ ގޯލުވެސް ދާދު ޖެހީ ކަނާތު ފައިންނެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ބޯޅައަކުން ޖެހި ގޯލެކެވެ. އެއަށް ފަހު އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ އީގަލސް އަށް ލަނޑެއް ޖަހައިދީފަ އެވެ. ނަމަވެސް ދާދު ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމްޕު ނަގައިދިން ބޯޅައެއް ބޮލުން ޖަހައި އޭނާގެ ތިންވަނަ ގޯލު ޖަހައިފަ އެވެ.

ދެވަނަ ހާފުގައި މާޒިޔާގެ ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑިގުޓްޒިއާ އިގްލޭސިއަސް ދިން ބޯޅައެއް ހިފައިގެން އަރައި ދާދު ޗިޕެއް ޖަހައި އޭނާގެ ހަތަރުވަނަ ލަނޑު ޖެހި އިރު، މި ގޯލު ޖެހީ އޭނާގެ ވާތު ފައިންނެވެ.

މިއީ 2023 ވަނަ އަހަރަށް ފަހު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނެވެ. ލީގުގައި މި ސީޒަންގައި 10 ޓީމު ވާދަކުރާނެ އެވެ. އެއީ މާޒިޔާ އާއި އީގަލްސްގެ އިތުރުން، ބުރު ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0