ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގެ ފުރަތަމަ މެޗުން ރާއްޖެ މޮޅު ވެއްޖެ

ކުޅުދުއްފުށި ސިޓީގައި ކުރިޔަށްދާ ކޮމަންވެލްތް ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެއިން ލަންކާ ބަލިކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި މޮޅު ކުޅުމެއް ދައްކާ 28 - 24 އިން ކާމިޔާބު ކުރީ ރާއްޖެ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ދެވަނަ ސެޓު ފަށައިގެން ލަންކާއިން ބޮޑު ލީޑެއް ނެގުމުން ރާއްޖެ ޓީމަށް އުނދަގޫތަކާއި ކުރިމަތިވި އެވެ. މި ސެޓު 34-26 އިން ލަންކާ މޮޅުވެ ޕެނަލްޓީއަށް މެޗު ފޮނުވާލި އެވެ. ޕެނަލްޓީ ޖަހައިގެން ރާއްޖެއިން މެޗު ކާމިޔާބުކުރީ 7-4 އިންނެވެ. ރާއްޖެ ޓިމުގެ ކީޕަރު ވަނީ ލަންކާގެ ދެ ޕެނަލްޓީ މަތަ ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރާއްޖޭގެ ޖާޒީ ނަންބަރު 19 އަހުމަދު ރަޒްނީ މުހައްމަދެވެ.
ކުޅުދުއްފުށި ސިޓީގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ޖުމްލަ 6 ގައުމު ބައިވެރިވި އެވެ. އެއީ ސްރީލަންކާ، އިންޑިއާ، ސައުތު އެފްރިކާ، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ.
މި މުބާރާތުގައި މާދަމާ ހެނދުނު ރާއްޖެ ނިކުންނާނީ ސައުތު އެފްރިކާއާއި ދެކޮޅަށެވެ.
ރިއެކްޓް



