ބަޖެޓު ނުލިބި, ކުޅިވަރު އެސޯސިއޭޝަންތައް ހާލުގައި ޖެހެނީ

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަށް ހިންގަން ސަރުކާރުން، ތިން ކުއާޓާއަކަށް ބަހާލައިން ދޭ އިދާރީ ބަޖެޓް ނުލިބި އަދި ވަކި ވަކި މުބާރާތްތަކަށް ދޭން ބުނާ ފައިސާ ލަސްވުމުގެ ސަބަބުން ބައެއް އެސޯސިއޭޝިންތަކުގެ މަސައްކަތްތަކަށް ބުރޫ އަރަން ފަށައިފި އެވެ.
ބައެއް އެސޯސިއޭޝަންތަކުގެ އިސް ވެރިންނާއި ބައެއް އިދާރީ މުވައްޒަފުން "ވިރާސީ" އަށް ބުނީ، ކޮންމެ އަހަރަކު ތިން ކުއާޓާއަށް ބަހާލައިގެން ދޭ އިދާރީ ބަޖެޓު ލިބުމުގައި ގިނަ ދަތިތަކެއް ހުރި ކަމަށެވެ. ބައެއް އެސޯސިއޭޝަންތަކަށް އެއްވެސް ކުއާޓާއެއްގެ ބަޖެޓު ނުލިބޭ އިރު، އަނެއްބައި އެސޯސިއޭޝަންތަކަށް ދެ ކުއާޓާގެ ފައިސާ ލިބި އެއް ކުއާޓާ ނުލިބިވެސް އެބަހުއްޓެވެ. އަދި އެއް ކުއާޓާ ލިބި އަނެއް ދެ ކުއާޓާ ނުލިބިވެސް އެބަހުއްޓެވެ.
މީގެ އިތުރުން މުބާރާތްތަކަށް ހާއްސަކޮށް ދޭނުް ބުނާ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން އެސޯސިއޭޝަންތަކުގެ އަތުގައި އެހެނިހެން ކަންކަމަށް ހުންނަ މަދު ފައިސާކޮޅު އެ މުބާރާތްތަކުގެ ކަންކަމަށް ހަރަދު ކުރަން ޖެހުމުން ވަރަށް ބޮޑު ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައިވާ ކަމަށް އެސޯސިއޭޝަންތަކުން އަންނަނީ ބުނަމުންނެވެ.
"ފައިސާ ދޭނެ ކަމަށް ބުނެ ކޮންމެ ފަހަރަކު ދެނީ ސިޓީއެއް. ސިޓީ ދީގެން ކިހިނެއްތޯ އަޅުގަނޑުމެންނަށް މަސައްކަތްކޮށްދޭ ފަރާތްތަކުގެ ޕޭމެންޓްތަށް ނިންމާނީ؟" ވަޒީފާގެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް އެސޯސިއޭޝަނެއްގެ އިސްވެރިއަކު 'ވިރާސީ' އަށް ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އެހެން އެސޯސިއޭޝަނެއްގެ އިސް މީހަކު ބުނީ، ގައުމުގެ އިގްތިސާދީ ހާލަތު މިހާ ދަށް ދުވަސްކޮޅެއްގައި ޕްރައިވެޓް ސެކްޓާގެ ސްޕޮންސާ ތަކަށް އެއްކޮށް ބަރޯސާވެވެން ނެތް ކަމަށެވެ. ސަރުކާރާއި ވީހާވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުންވިޔަސް ފައިސާ ނުލިބޭ ނަމަ އެސޯސިއޭޝަންތަށް 'ފުނޑިގެންދާނެ' ކަމަށް އޭނާ ބުންޏެވެ.
ގައުމީ މުބާރާތްތަކާއި ބައިނަލްއަގްވާމީ މުބާރާތްތަށް ކުރިއަށް ހުރި އިރު، ސަރުކާރުން ދޭންޖެހޭ އަދި ދޭން ބުނެފަ ހުރި ފައިސާ ނުލިބި ލަސްވުމަކީ މި މުބާރަތްތަށް ނުބޭއްވި އަދި މުބާރާތްތަކުގެ ފެންވަރު ދަށް ވެދާނެ ކަމެއްގެ ގޮތުގައި އެސޯސިއޭޝަންތަކުން ދެކެ އެވެ.
މެޑަލް ހޯދައިން އައިމަ އެންމެންވެސް ވަރަށް އުފާވާ ކަމާއި އޭގެ ފަހަތުގަ ކުރަންޖެހޭ މަސައްކަތާއި އެ 'ސްޓްރަގަލް' އެއްވެސް ބަޔަކަށް ނޭގޭ ކަމަށް ފާހަގަ ކުރަމުން އެސޯސިއޭޝަނެއްގެ އިސް މީހަކު ވަނީ ބުނީ ބައެއް ގައުމީ ޓީމުތަށް ބައިނަލްއަގްވާމީ މުބާރާތްތަކަށް ދާ އިރު ޓްރެއިނިންގް ކޭމްޕެއް ބާއްވާލުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށެވެ.
މި ކަމުގެ ސަބަބުން އެކި ކުޅިވަރު މުބާރާތްތަކުން ބާއްވާ މުބާރާތްތަކުގެ އަމްޕެއަރުން އަދި ރެފްރީންނަށްވެސް ލިބެންޖެހޭ ފައިސާ ނުލިބި އެބަހުރި އެވެ. "ވިރާސީ" އާ ވާހަކަ ދެއްކި ރެފްރީއެއް ބުނި ގޮތުގައި ބައެއް ރެފްރީންނަށް 9000 - 13000 އާއި ދެމެދުގެ އަދަދަކަށް އެސޯސިއޭޝަނުން ލާރި ނުދީ އެބަހުރިކަމަށެވެ.
ބައެއް އެސޯސިއޭޝަންތަކުގައި މަސައްކަތް ކުރާ ކޯޗުންވެސް އެ ތަންތަނަށް ފައިސާ ނުލިބޭ ވާހަކަ މީގެ ކުރިންވެސް ވަނީ ދައްކާފަ އެވެ. އެގޮތުން އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕަށް ދިޔަ ރާއްޖޭގެ ރާޅު ޓީމުގެ ކޯޗު ހުސެއިން އަރީފް (އިބޫ) ސިޑިބަރިއަށް ދިން އިންޓަވިއުއެއްގައި ފައިސާގެ ދަތިކަން ގައުމީ ސާފިންގް އެސޯސިއޭޝަނަށް ކުރިމަތިވާކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން މީގެ ކުރީ އަހަރުތަކުގައި ބޭއްވި މުބާރާތްތަކުގެ ފައިސާ ނުލިބޭ ވާހަކަ ވެސް އިބޫ ވަނީ އިންޓަވިއުގައި ފާހަގަ ކޮށްފަ އެވެ.
މި އަހަރު ކުރިއަށް ބައިނަލްއަގްވާމީ މުބާރާތްތަކާއި ގައުމީ މުބާރާތްތަށް ހުރި އިރު، އެސޯސިއޭޝަންތަކުން މި އަހަރު ކުރީކޮޅު ބާއްވާފަ ހުރި މުބާރާތްތަކަށް ވެސް ފައިސާ ނުލިބެ އެވެ. އަދި, ފައިސާ ދޭން ޖެހޭ ފަރާތްތަކަށް ފައިސާ ނުދެވުމުގެ ސަބަބުން އެ ފަރާތްތަކުގެ އިތުބާރު އެސޯސިއޭޝަންތަކަށް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ރިއެކްޓް



