ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް މައްޗަށް: މިއަދު 19.90 އަށް

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް މައްޗަށް ގޮސް، މިއަދު ޑޮލަރެއް ވިއްކަމުން ދަނީ 19.90 ރުފިޔާއަށެވެ. މާހިރުން ލަފާކުރާ ގޮތުގައި މި އަގު އިތުރަށް މައްޗަށް ގޮސް 20 ރުފިޔާގެ އަގު ހަމަކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު ލިބުން ހުއްޓުނު ދަނޑިވަޅުގައި ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވަނީ 19.50 ރުފިޔާއަށެވެ. ނަމަވެސް މިހާރު އެ އަގު ވަނީ އޭރުގެ ރެކޯޑް އަގު ވެސް ފަހަނައަޅާ ގޮސްފައެވެ.
މި ދަނޑިވަޅުގައި އިތުރު ގޮންޖެހުމެއްގެ ގޮތުގައި، ރާއްޖެއިން ބޭރުގެ އޭޓީއެމް ތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަކުން ރުފިޔާ ނެގޭނީ 125 ޑޮލަރާއި ހަމައަށްވާ އަގެކެވެ. އަދި މިއާއެކު 10 ޑޮލަރުގެ އިތުރު ފީއެއް ވެސް ނަގާނެއެވެ. މިއީ ބޭސްފަރުވާއަށް، ވިޔަފާރިއަށް އަދި ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. މީގެ އިތުރުން، ދިވެހީން އާންމުކޮށް ވިޔަފާރިކުރާ ހަ އޮންލައިން ސައިޓްތަކުން ބީއެމްއެލް ޑެބިޓް ކާޑަކުން މުޢާމަލާތް ކޮށްފިނަމަ، 30 އިންސައްތައިގެ ފީއެއް ބޭންކް އޮފް މޯލްޑިވްސް އިން ނަގާނެކަމަށް މި މަހުގެ 1 ވަނަ ދުވަހު ވަނީ ކަނޑއަޅާފައެވެ.
މި ހާލަތުގައި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް ދިއުމުގެ ސަބަބުން އަސާސީ މުދަލުގެ އަގުތަކަށް ވެސް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.
ރިއެކްޓް



