އުއްތަމަ ފަނޑިޔާރަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުން ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަންކުރުމަށް ފާސްކޮށްފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރު އައްޔަންކުރުމަށް އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީގެ ކުރިން ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ޣަނީއަށް ރުހުން ދީފައެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވެސް ވަނީ ކުރިމަތިލައްވާފައެވެ.
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު، 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައި މިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި އަހަރުގެ ޖުލައި 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
ރިއެކްޓް



