ޚަބަރު

ނޯތު ހާބަރުން ތެލާއި އައިސްގެ ހިދުމަތް ފަސޭހަކޮށްދިނުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ

އޮގަސްޓް 4, 2025 - 21:24
 0
ނޯތު ހާބަރުން ތެލާއި އައިސްގެ ހިދުމަތް ފަސޭހަކޮށްދިނުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
ފޮޓޯ: ވިރާސީ

މާލޭ ނޯތު ހާބަރުން ރައްޔިތުންނަށާއި، ހާއްސަކޮށް މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ފަސޭހަކޮށްދިނުމުގެ މަގްސަދުގައި، އެ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، ތެލާއި އައިސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވެފައިވަނީ، ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ހިދުމަތްތައް ދިނުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދުން މަސްވެރިންނަށް އަގުހެޔޮކޮށް އައިސް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ. މިގޮތުން ނޯތު ހާބަރާއި، މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭ ސަރަހައްދު އެމްޕީއެލްއަށް ދީފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

ހަމްދުﷲ ރަޝީދު ވިދާޅުވެފައިވާ ގޮތުގައި، ފެނާއި، ކަރަންޓާއި، ތެލާއި އައިސް ނޯތު ހާބަރުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ. އަދި މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.

އެމްޕީއެލްއިން ފާހަގަކުރައްވާފައިވާ ގޮތުގައި މީގެކުރިން ނޯތު ހާބަރުގެ ކީވޯލުން ޖާގަ ދެވެނީ 32 ނުވަތަ 34 އުޅަނދަށެވެ. އަދި އެ ސަރަހައްދު ތަރައްގީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން ހިދުމަތް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0