ޚަބަރު

ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 7 ކުއްޖަކު މި މަހު ފުރަނީ

އޮގަސްޓް 4, 2025 - 20:04
 0
ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 7 ކުއްޖަކު މި މަހު ފުރަނީ
ފޮޓޯ: ހެލްތް މިނިސްޓްރީ

ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ހަތް ކުއްޖަކު މި މަހު ރާއްޖެއިން ބޭރަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ފުރުމަށް ހަމަޖެހިފައިވާ ކުދިންނާ މިއަދު ބައްދަލުކުރައްވާފައެވެ.

މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކަނޑައަޅާފައިވާ 10 ކުދިންގެ ތެރެއިން ތިން ކުއްޖަކު މިދިޔަ އޭޕްރީލް މަހު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މި ފަރުވާ ދިނުމަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ހެލްތް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު 2024 ވަނަ އަހަރު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު މަދުވެގެން 10 ތެލެސީމިއާ ބަލި މީހުން ބޯންމެރޯ ފަރުވާއަށް ފޮނުވުމެވެ. ބޯންމެރޯ ފަރުވާއަށް ފުރުމުގެ ކުރިން ތެލެސީމިއާ ބަލި މީހުން އެޗްއެލްއޭ ޓެސްޓް ހަދަންޖެހެއެވެ. މިއީ ބޯންމެރޯ ޓްރާންސްޕްލާންޓަށް ދިމާވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މިދިޔަ އަހަރުން ފެށިގެން މި ޓެސްޓް ރާއްޖޭގައި ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންގެ ތެރެއިން ގިނަ ކުދިން ފޮނުވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އަދި ބައެއް ކުދިން ފޮނުވަނީ ތައިލެންޑަށެވެ. މި ފަރުވާ ހެދުމަށް އެވްރެޖްކޮށް 45 ދުވަހާއި 60 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާ ކަމަށް ވެއެވެ.

ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ބޯންމެރޯ ހަދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވައުދު ފުއްދުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0