އެމްޑީޕީ ސިފަވަނީ ޢާއްމު މެންބަރުން ވިއްކައިގެން ހިންގާ ކުންފުންޏެއް ގޮތުގައި: މަމްދޫހު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިހާރު ސިފަވަނީ ޢާއްމު މެންބަރުން ވިއްކައިގެން ހިންގާ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަންޑޭ ވިދާޅުވީ، "އެމްޑީޕީއަކީ ކަންތައްތައް އޮޅުވާލައިގެން ވާހަކަދައްކާ ޕާޓީއެއް" ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރަމުންދާނެ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައްވެސް ފެންނަން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރައްވަމުން މަމްދޫހު ވިދާޅުވީ، އޭރު އެމްޑީޕީން އެރު ވަރަސް ފޮނި ވާހަކަތައް ދެއްކި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީ ލިބުނު ނަމަވެސް، ރައްޔިތުންނަށް އޭގެއިން ލިބުނު އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށެވެ.
އަދި އެމްޑީޕީގެ ދަފްތަރަކީ ވައްކަން ކޮށްފައިވާ ދަފްތަރެކޭ ބަޔަކު ކިޔާ އަޑު އެއްސެވިކަމަށް ވިދާޅުވަމުން އެމްޑީޕީގެ ސަރުކާރަކީ އަދި އެމްޑީޕީއަކީ ވައްކަމުގެ ހާއްޔެއް ކަމަށް އެޕާޓީގެ ކުރީގެ ލީޑަރުން ބުނެފައިވާ ކަމަށް މަންޑޭ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެމްޑީޕީ މިހާރު ފެންނަނީ އާންމު މެންބަރުންގެ ބޮލަށް ޖެހޭ ފައިސާ ނުވަތަ ދައުލަތުން ޕާޓީއަށް ދޭ ފައިސާގެ ފަހަތުން ދުވާ ކުންފުންޏެއްގެ ގޮތައް ކަމަށާއި އެމްޑީޕީން ސަރުކާރަށް ނިސްބަތްވާ މެންބަރުން ގަންނަން މަސައްކަތް ކުރާ ކަމަށް މަމްދޫހު ތުހުމަތުކުރެއްވިއެވެ.
ރިއެކްޓް



